ޚަބަރު

ހަފުތާ 104: ޞިއްޙީ ވަސީލަތްތައް އިތުރުކޮށް ބޮޑެތި ނިންމުތަކާއެކު އެލަވަންސްތަކަށް ހެޔޮބަދަލެއް


  • ދުންފަތާއި ވޭޕާއި ދެކޮޅަށް ސަރުކާރުންވަނީ ބޮޑު ފިޔަވަޅެއް އަޅާފައި

  • ސިއްޙީ ދާއިރާއަށް ޢުމްރާނީ ބޮޑު ބަދަލެއް ގެނައުމަށް ގިނަ މަޝްރޫޢުތަކެއްވަނީ ފަށާފައި

ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސިއްޙީ ދާއިރާއަށް މުހިއްމު އެކި ބަދަލުތައް ގެނެސް، ތަރައްޤީގެ އެކި މަޝްރޫޢުތައް ނިމިދިޔަ 2 އަހަރުގެ ތެރޭގައި ސަރުކާރުންވަނީ ކުރިއަށް ގެންދަވާފައެވެ. މިގޮތުން އިތުރުވަމުން އަންނަ ކިޑްނީ ބަލިތަކާއެކު ޑަޔަލިސިސް ހެދުމަށް އޮންނަ ޑިމާންޑް އިތުރުވުމުން އެކަމަށްޓަކައި މާލެއާއި އަތޮޅުތަކުގައި މިޚިދުމަތް ފުޅާކުރުމުގެ މަސައްކަތްވަނީ ކުރައްވާފައެވެ. އެގޮތުން 30 އެނދާއެކު ޑަޔަލިސިސް ސެންޓަރުގެ ޚިދުމަތް ހުޅުމާލޭ ހޮސްޕިޓަލުގައިވަނީ ފުޅާކޮށްފައެވެ.

ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އިތުރު 2 އެނދު އިތުރުކޮށް ޖުމްލަ 6 އެނދުގައި އަންނަނީ ޚިދުމަތް ދެމުންނެވެ. އަދި ނ.މަނަދޫ ހޮސްޕިޓަލަށް 2 އެނދު އިތުރުކޮށް ޖުމްލަ 4 އެނދުގައި އަންނަނީ ޑަޔަލިސިސްގެ ޚިދުމަތް ދެމުންނެވެ. މީގެއިތުރުން މުޅިއަލަށް 9 ރަށެއްގައި ޖުމްލަ 27 އެނދު ޤާއިމުކޮށް ޑަޔަލިސިސްގެ ޚިދުމަތްވަނީ ފަށާފައެވެ.

ސިއްޙީ ކުއްލި ޙާލަތުގައި ފޯރުކޮށްދޭ އެއަރ އެމްބިއުލާންސްގެ ޚިދުމަތުގެ ދަށުން މިވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި އެއަރ އެމްބިއުލާންސް މެދުވެރިކޮށް 1840 ބަލި މީހުންވަނީ އުފުލާފައެވެ. ސަރުކާރުން މިހާރުވަނީ އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކޮށް، ކުއްލި ޙާލަތްތަކުގައި ދުބާއީ އަދި ތައިލެންޑަށް އެއަރ އެމްބިއުލާންސްގެ ދަތުރުފެށުމަށް މަސައްކަތް ފަށާފައެވެ.

ސިއްޙީ ޚިދުމަތް އަތޮޅުތަކުގައި ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ރޭޑިއޮލޮޖީގެ ޚިދުމަތް ރ.އުނގޫފާރުގައިވަނީ ފަށާފައެވެ. އަދި މެމޮގްރަފީގެ ޚިދުމަތް ބ.އަތޮޅު ހޮސްޕިޓަލުގައި ފަށާފައިވާއިރު ސީޓީ ސްކޭންގެ ޚިދުމަތްވަނީ ފުވައްމުލައް ސިޓީގައި ފަށާފައެވެ.

މީގެއިތުރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެންވަނީ ޓެލެ-މެޑިސިން މެދުވެރިކޮށް ޚިދުމަތް ފަށާފައެވެ. އއ.އަތޮޅު ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ދަތުގެ ޚިދުމަތްވަނީ ފަށާފައެވެ. އަދި ހއ.އަތޮޅު ހޮސްޕިޓަލުގައިވަނީ ސްޕީޗް ތެރަޕީގެ ޚިދުމަތްވަނީ ފަށާފައެވެ.

މިވީ އަހަރެއް ދުވަހުގެ ތެރޭގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލަށްވެސް މުހިއްމު ބަދަލުތައް ގެންނަވާ އިތުރު ޚިދުމަތްތައްވަނީ ފައްޓަވާފައެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި ނޭޝަނަލް ފަރޓިލިޓީ ސެންޓަރު ޤާއިމުކޮށް އަހަރެއްގެ ތެރޭގައި 748 ފަރާތަކަށް ޚިދުމަތްވަނީ ފޯރުކޮށްދީފައެވެ. ނިމިދިޔަ އަހަރު ހޮސްޕިޓަލުގެ އެންމެ ބޮޑު ކުރިއެރުމެއްއައީ ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީއަށެވެ. އެގޮތުން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލަށް 194 އެނދުވަނީ އިތުރުކޮށްފައެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި 10 އެނދުގެ އައިސީޔޫ އެއް ޤާއިމުކޮށް އަންނަނީ ޚިދުމަތް ދެމުންނެވެ. މީގެއިތުރުން އެހޮސްޕިޓަލުގެ އެމަރޖެންސީ ރޫމްގެ އެނދުގެ ކެޕޭސިޓީ 7 އިން 14 އަށް އިތުރުކޮށްފައިވެއެވެ. އައިޖީއެމްއެޗް އައި ހުޅުމާލޭ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވާ އަގުހެޔޮކޮށް ރައްޔިތުންނަށް އައިނު ހެއްދޭނެ އިންތިޒާމުވެސް ވަނީ ޤާއިމުކޮށްފައެވެ.

ތެލަސީމިއާ ކުދިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭނެފަދަ އައު މަރުކަޒެއް ހުޅުމާލޭގައި ޤާއިމުކޮށް "އޮރެންޖް ހިޔާ"ގައި ޚިދުމަތްވަނީ ފުޅާކޮށްފައެވެ. މީގެއިތުރުން ތެލެސީމިއާ އެލަވަންސް ކަނޑައަޅާ 1000 ރުފިޔާ ތެލަސީމިއާ ހުންނަ ކުދިންނަށް ދޭން ފެށުމުގެ މަސައްކަތްތައްވަނީ ކޮށްފައެވެ.

މީގެއިތުރުން އާސަންދައިން ބޭސް އެތެރެކުރުމަށް ކުރާ ޚަރަދު ކުޑަކޮށް، ރައްޔިތުންނަށް ކޮލިޓީ ބޭސް ފޯރުކޮށްދިނުމަށް، ގިނަ ބަދަލުތަކެއް ނިޒާމަށް ގެނެސް، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއްވަނީ އުފައްދަވާފައެވެ. މީގެއިތުރުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ އެންސްޕާގެ ޕޭޝަންޓުންނަށް 2000 ޑޮލަރު އަދި އަމިއްލަ ގޮތުން ބޭސްފަރުވާއަށް ބޭރަށް ދާ ފަރާތްތަކަށް 1000 ޑޮލަރު ބީއެމްއެލްއިން ދޭގޮތަށްވަނީ ހަމަޖައްސަވާފައެވެ.

އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ދާއިރާއިންވެސް މިދިޔަ އަހަރު މުހިއްމު އަދި ފާހަގަކޮށްލެވޭ މަސައްކަތްތަކެއްވަނީ ކުރައްވާފައެވެ. އެގޮތުން އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ވިއްކުމާއި ގެންގުޅުން މަނާކުރުމާއި، ވަކި އުމުރަކުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށް ދުންފަތާއި ދެކޮޅަށް "ޖެނެރޭޝަނަލް ބޭން"އެއް ތަންފީޒުކުރަންވަނީ ފަށާފައެވެ. ރާއްޖެވެފައިވަނީ ޖެނެރޭޝަނަލް ބޭން އެއް ތަންފީޒުކޮށް ދުންފަތާ ދެކޮޅަށް މިފިޔަވަޅު އެޅި ފުރަތަމަ ޤައުމަށެވެ.

ޢުމްރާނީގޮތުންވެސް ސިއްޙީ ދާއިރާއިން ގިނަ ކާމިޔާބީތަކެއް މިވޭތުވެދިޔަ 2 އަހަރު ވަނީ ޙާސިލުކޮށްފައެވެ. އެގޮތުން މުޅިން އައު 24 ހޮސްޕިޓަލެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި އަންނަނީ ކުރަމުންނެވެ. އަދި އަލަށް 19 ސިއްޙީ މަރުކަޒުގެ މަސައްކަތް ކުރަމުން އަންނައިރު ސިއްޙީ ޚިދުމަތްދޭ އެކި ތަންތަނުގެ އަޕްގްރޭޑް އަދި އެކްސްޓެންޝަން ޢިމާރާތް ތަރައްޤީކުރުމުގެ 55 މަޝްރޫޢެއްގެ މަސައްކަތްވަނީ ފަށާފައެވެ.