ޚަބަރު

ބޯހިޔާވަހިކަން އެންމެންނަށް: ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތައް ނިމުމެއް ގެންނާނެ


  • ރިއަލްއެސްޓޭޓް މާކެޓުން ބޯހިޔާވަހިކަން ގަތުމުގެ ފުރުސަތު ތަނަވަސްކުރުމަށް އެހީތެރިވާނެކަމަށް ވިދާޅުވި

  • އެއްވެސް ވަރަކަށް ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް އިސްކަންދޭނެކަމަށް ވިދާޅުވި

މި ސަރުކާރުން އިއުލާންކުރި ބޯހިޔާވަހިކަމުގެ ސިޔަސަތަކީ ރައްޔިތުން ދިރިއުޅެމުންދާ ނިކަމެތި ހާލަތައް ނިމުމެއް ގެންނާނެ ފަދަ ވަރުގަދަ ސިޔާސަތެއް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، ބޯހިޔާވަހިކަން އެންމެންނަށް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެވެސް އުންމީދަކީ އަމިއްލަ ބޯހިޔާވަހިކަމެއް ލިބި، އަބުރުވެރި އަދި ހަމަޖެހޭ ދިރިއުޅުމެއް ބިނާކުރުން ކަމަށެވެ. ވުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަނީ، އެތައް ހާސް ރައްޔިތުނެއްގެ އެ އުންމީދު ހާސިލުކޮށްދޮިނުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މުއްޠަލިބް ވިދާޅުވީ، "ބޯހިޔާވަހިކަން އެންމެންނަށް" މިއީ ހަމައެކަނި ބޭނުންކޮށްލެވޭ ޝިއާރެއް ނޫން ކަމަށާއި، އެއީ އިޙްލާސްތެރި ރައީސެއްގެ ވަޢުދެއް ކަމަށެވެ. އަދި އެއީ އެއްވެސް އާއިލާއެއް ބާކީނުކުރާނެ ކަމުގެ ވަޢުދެއް ކަމަށާއި، އެއީ ނޭންގިހުއްޓާ ކުލި ބޮޑުވެގެން ދިރިއުޅޭ ތަނަކުން ނިކުމެ އެހެން ތަނަކަށް ދާންޖެހޭނެކަމުގެ ބިރެއްނޯންނާނެ ކަމުގެ ހުވަފެނެއް ކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ކޮންމެ މުޖުތަމައެކޭ އެއްގޮތަށް ދިވެހި މުޖުތަމައަކީވެސް އެކި ފަންތިތަކުގެ މީހުން ދިރިއުޅެމުންދާ މުޖުތަމައެއްކަން ފާހަގަކުރެއްްވިއެވެ. އެގޮތުން، ބައެއް އާއިލާތަކަށް ލަގްޒަރީ އެޕާޓްމެންޓުތައް ގަނެ ދިރިއުޅުމުގެ ފުރުސަތު ފަހިވެފައިވީނަމަވެސް، ބައެއް އާއިލާތަކަކީ މާލީ ހާލަތަށް ހުރިގޮދުން ފައިނޭންސިންގް ނުލިބޭ ރައްޔިތުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ގިނަ އާއިލާތަކަކީ މިއަދާ ހަމައަށްވެސް އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނުވާ ފަރާތްތަކެެއް ކަަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ބޯހިޔާވަހިކަން އެންމެންނަށް، މި ސިޔާސަތަކީ ރައީސްގެ ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދަވާދެއްވުމަށް އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށާއި، މި ސިޔާސަތުގެ ދަށުން ރިއަލް އެސްޓޭޓް މާކެޓުން ބޯހިޔާވަހިކަން ގަތުމުގެ ފުރުސަތު ތަނަވަސްކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން، އަމިއްލަ ބޯހިޔާވަހިކަމެއްގެ އުންމީދުގައި ތިބި އެތައް ރައްޔިތުންނަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ބޭންކުތަކުގެ ތެރެއިން މޯގޭޖް ފައިނޭންސް ލިބޭނެފަދަ ތަނަވަސްކަން ހުރި މެދުފަންތީގެ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދާދިނުމަށް އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ތެރެއިން ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވޭނެ. ބޭންކް ފައިނޭންސް ހޯދޭނޭ ފަދަ ތަނަވަސްކަމެއް ނެތް އާއިލާތަކަށް ރެން-ޓު-އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް މަޝްރޫޢުތައް ހިންގޭނެ. މިރޭ މި އިއުލާންކުރެވޭ 7500 ހައުސިން ޔުނިޓަކީ މި ދެންނެވި ރެން-ޓު-އޯން މޮޑެލްގެ ދަށުން ދެވިގެންދާނެ ޔުނިޓުތަކެއް." ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުން އުޅެމުންދާ ގޮތަށް ބަލާ، ގޯތި ދިނުމަށްވެސް ހަމަޖެހިފައިވާނެކަމަށާއި، އެގޮތުން 15000 ގޯތި ދޫކުރުމަށް އިއުލާންކުރެވިފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ބޯހިޔާވަހިކަން ދޭއިރު އެއްވެސް ވަރަކަށް ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިރޭ މި އިއުލާންކުރެވޭ ޕްރޮގްރާމު ހާއްސަކުރެވިފައިވަނީ އެެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް. ކުއްޔަށް އެއްތަނުން އަނެއްތަނަށް ބަދަލުވާންޖެހިފައިވާ ފަރާތްތަަކަށް. އަމިއްލަ ބޯހިޔާވަހިކަމުގެ ރައްކާތެރިކަމުގެ އިހުސާސް ކުރެވިފައިނުވާ ތުއްތު ކުދިން ތިބި އާއިލާތަަކަށް. ބުރަ މަސައްކަތް ކޮށްގެން ހޯދާ އާމްދަނީ އެއްކޮށް ކުއްޔަށް ދީގެން އުޅެން ޖެހިފައިވާ އާއިލާތަކަށް. އަޅުގަނޑުމެންގެ ޒިންމާއަކީ އަމިއްލަ އެއްވެސް ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަަށް އިސްކަންދިނުން" ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ މައިގަނޑު ދެ އަސާސަކީ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއި، އެ އާއިލާއަކަށް އަތް ފޯރާފަށުގައި ބޯހިޔާވަހިކަން ހޯދާދިނުމަށް މަގުފަހިކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހައުސިންގ އެކްސެސިބިލިޓީއާ ހައުސިން އެފޯޑަބިލިޓޯ ގާއިމްކޮށްދެވި، ހިތްފަސޭހަ ދިރިއުޅުމެއް ކޮންމެ އާއިލާއަކަށްވެސް އުޅެވޭނެ ފުރުސަތެއް ޤާއިމްކުރުމަކީވެސް ރައީސް އިސްކަންދެއްވާ ކަމެއްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.