އަންނަ އަހަރު ޗައިނާގެ ސަންޔާގައި ބާއްވާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ބީޗް ހޭންޑް ބޯޅަ ޓީމުން ފަރިތަކުރުންތައް ފަށައިފިއެވެ.
ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިޔަށްދަނީ ހދ ކުޅުދުއްފުށީ ބީޗް ހޭންޑްބޯޅަ އެރީނާގައެވެ. ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮމަންވެލްތް ބީޗް ހޭންޑްބޯޅަ މުބާރާތްވެސް ބޭއްވި މި އެރީނާގައި ފެންވަރު ރަނގަޅު ކޯޓުތަކެއް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ގާއިމުކޮށްފައިވާއިރު މި ފެސިލިޓީގައި ފަރިތަކުރުންތައް ފެށި ޓީމުގައި ހިމެނެނީ ސީއެޗްއޭ ޓްރައިއައުޓްގައި ބައިވެރިވި ކުޅުންތެރިންނެވެ.
ބީޗް ހޭންޑްބޯޅައިގައި ރާއްޖޭން ސަރަހައްދީ ގައުމުތަކާއެކު ވާދަކުރުމަށް ތައްޔާރުވަމުން އަންނައިރު އެންމެ ފަހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބައިނަލްއަގްވާމީ ބީޗް ހޭންޑްބޯޅަ މުބާރާތް ކަމަށްވާ ކޮމަންވެލްތް މުބާރާތުން ރާއްޖެ ވަނީ ލޯ މެޑަލް ހޯދާފައެވެ.
ސަންޔާ 2026 ގެ ނަމުގައި ބާއްވާ ހަވަނަ އޭޝިއަން ބީޗް ގޭމްސް އޮންނާނީ 22-30 އޭޕްރީލްގެ ނިޔަލަށް ޗައިނާގެ ސަންޔާގައެވެ. މި މުބާރާތަކީ ކޮވިޑް 19ގެ ސަބަބުން އެކި ފަހަރު މަތިން ފަސްކޮށްފައިވާ މުބާރާތެކެވެ. މި މުބާރާތުން 14 ކުޅިވަރެއް ހިމެނޭއިރު 63 އިވެންޓު ކުރިޔަށްދާނެއެވެ. މި މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ހައިނަން އައިލެންޑްގައި އޮންނަ ސަންޔާ ސަރަހައްދުގައެވެ. މިއީ އޭޝިއަން ބީޗް ގޭމްސް ޗައިނާގައި ބާއްވާ ދެވަނަ ސިޓީއެވެ.