ޚަބަރު

ރައްކާތެރިކަން ކަށަވަރުކުރަން 2 ދުވަސްތެރޭ ތެރޭގައި މާލޭގެ 501 ސަރަހައްދެއް ބަލައިފާސްކޮށްފި


  • ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 129 އިންޓަރެކްޝަން ހެދި

  • 10 އުޅަނދެއް ޗެކްކޮށް، 4 އުޅަނދެއް ޓޯވކޮށްފައިވޭ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ރައްކާތެރިކަން ކަށަވަރުކުރަން 2 ދުވަސްތެރޭ ތެރޭގައި މާލޭގެ 501 ސަރަހައްދެއް ބަލައިފާސްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ކުރާ މަސައްކަތުގެ ތެރެއިން، މިމަހުގެ 13 އަދި 14ވަނަ ދުވަހު ވަނީ 501 ސަރަޙައްދެއް ބަލާފާސްކޮށްފައެވެ.

އެގޮތުން، މި ދެދުވަސްތެރޭ 129 އިންޓަރެކްޝަން ހަދާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އަދި މި މަސައްކަތުގެ ތެރެއިން، 10 އުޅަނދެއް ޗެކް ކޮށް 4 އުޅަނދެއް ޓޯވްކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދަައްކައެވެ.

މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމަށް، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ސަރުކާރުން ވަނީ މިއަހަރުގެ އޮގަސްޓުމަހު ގޭންގު ކުށްތަކުގެ އައު ޤާނޫނަށް ޢަމަލުކުރަން ފަށައިފައެވެ.

ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ ގޭންގު ކުށްތައް ހިމެނޭހެން އިންތިޒާމްވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ތަންފީޒީ އިދާރާތަކަށް ޚާއްސަ ބާރެއް ދިނުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނެކެވެ.

އަދި އެފަދަ ކުށްތަކުގައި އުޅޭ މީހުން ކުށުގެ ވެށިން ދުރުކޮށް، މުޖުތަމައަށް ރުޖޫޢަވުމަށް ފިޔަވަޅުތައް އެޅުމާއި އެފަދަ ފަރާތްތައް އުޅޭ ނޫޅޭގޮތް މޮނިޓަރކޮށް ފިޔަވަޅުއެޅުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅުމަކީވެސް މި ޤާނޫނުގެ މަޤްޞަދެކެވެ.