ސިއްހަތު

އައި.ޖީ.އެމް.އެޗްގައި ބޭހަށް ނުގުޑާ ޓީ.ބީއަށް ޓެސްޓްކުރަން ފެށުން


ދިވެހިރާއްޖެ ހިމެނޭ ދެކުނު އިރުމަތީ އޭޝިއާ ޞަރަޙައްދަކީ، ޓީ.ބީ ބަލި ނިޞްބަތުން އެންމެ ގިނަ ޞަރަޙައްދެވެ. ގްލޯބަލް ޓީބީ ރިޕޯޓުން ދައްކާ ގޮތުގައި، ދުނިޔޭގައި ޓީބީ ޖެހޭ މީހުންގެ %58 މީހުން ދިރިއުޅެނީ މިޞަރަޙައްދުގައެވެ. އެހެންނަމަވެސް ދިވެހިރާއްޖެއަކީ ޓީބީ ބަލިޖެހިފައިވާ މީހުން ނިޞްބަތުން މަދު ޤައުމެކެވެ. 1996 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއިން އެގާރަހާސް ސާޅީސް ހަތް މީހުންނަށް ޓީބީ ޖެހިގެން ފަރުވާ ކުރުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއެވެ. މީގެ ތެރެއިން 5465 މީހުންނަކީ، ކުޅުން ޓީބީ ބަލީގެ ޖަރާސީމު ފެނި ، ފުއްޕާމެއަށް މި ބަލީގެ އަސަރުކޮށްފައިވާ މީހުންނެވެ. އަނެއް 5581 މީހުންނަކީ ކުޅުން ޓީބީ ބަލީގެ ޖަރާސީމު ނުފެންނަ، ނަމަވެސް ހަށިގަނޑުގެ އެހެން ގުނަވަންތަކަށް މި ބަލީގެ އަސަރުކޮށްފައިވާ މީހުންކަމަށް އެއޭޖެންސީން ވިދާޅުވެއެވެ. ނެޝަނަލް ޓީބީ ކޮންޓްރޯލް ޕްރޮގްރާމްގެ ދަށުން ޓީބީ ޖެހިފައިވާ މީހުންނަށް ޚާއްޞަ އުޞޫލެއްގެ ދަށުން ދަނީ ފަރުވާދެމުންނެވެ. އެހެންނަމަވެސް އަދިވެސް ޓީބީ ޖެހޭ މީހުންގެ ނިޞްބަތް އިތުރުންވަމުންދާކަން ފާހަގަ ކުރެވެއެވެ.

2012 އިން 2015 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭއިން ޓީ.ބީ ބަލި ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން 2012 ވަނަ އަހަރު 110 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު 2015 ވަނަ އަހަރު މިޢަދަދު 156 އަށް ވަނީ އަރާފައެވެ. މީގެ ތެރޭގައި ކުޑަކުދިންނާއި ބިދޭސީންވެސް ހިމެނޭކަމަށް ނެޝަނަލް ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވެއެވެ. 



img:http://s1.psmnews.mv/images/660x400/14722905037644.png|



ދުނިޔެއިން ޓީބީ ނައްތާލުމަށް ކުރަމުންދާ މަސައްކަތައް ދިމާވެފައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ބޭހަށް ނުގުޑާ ޓީބީގެ އަސަރުކޮށްފައިވާ މީހުން އަވަހަށް ދެނެގަތުމާއި ފަރުވާކުރުމުގައި ހުރި ދަތިތަކެވެ. މި ޞަރަޙައްދުގެ އެހެން ޤައުމުތަކުން ޓީބީ ބަލި ވަކި މިންވަރެއްގެ ދަށުގައި ބެހެއްޓުމަށް މަސައްކަތް ކުރާއިރު ރާއްޖެއިން މިހާރު އަމާޒު ހިފާފައި ވަނީ ޓީބީ ނައްތާލުމަށެވެ. ޓީބީ ނައްތާލުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެއަށް ވެސް ބޭހަށް ނުގުޑާ ޓީބީގެ ނުރައްކާ އެބައޮތްކަން ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ފާހަގަ ކުރައްވައެވެ. 

" ބޭހަށް ނުގުޑާ ޓީބީއޭ މިކިޔަނީ، ޓީބީއަށްދޭ ފަސްޓްލައިން ޑްރަގްސް ( ޢާއްމުކޮށް ޓީބީ ބަލި މީހުންނަށް ދޭ ބޭސް) ދީގެން ބަލި މީހާގެ ޙާލަތު ރަނގަޅުނުވާނަމަ. ބޭހަށް ނުގުޑާ ޓީބީ ހުރިކަން ޔަޤީންވާ ހިސާބުން ދެން މިދޭންޖެހެނީ ދިގު މުއްދަތަކަށް ނަގަންޖެހޭ ބޭހެއް. މިއީ ޢާއްމުކޮށް ޓީބީއަށް ބޭނުންކުރާ ބޭހަށް ވުރެ މާ ބާރުގަދަ ބޭހެއް. ރާއްޖޭގައިވެސް އެބަހުރި ބޭހަށް ނުގުޑާ ޓީބީ ރަނގަޅު ކުރެވިފައި. ރާއްޖޭގެ އާބާދީއަށް ބަލާފަ ނިޞްބަތުން ބޭހަށް ނުގުޑާ ޓީބީ ފެންނަލެތް މަދު. 2008 އިން 2015 އަށް ބަލާއިރު، މިހާތަނަށް ފެނިފައިވަނީ ބޭހަށް ނުގުޑާ ޓީބީގެ ފަސް ކޭސް. އެހެންނަމަވެސް ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަ ޞަރަޙައްދުގެ ގޮތުން، ރާއްޖެ އޮންނަ ޞަރަޙައްދަކީ ދުނިޔޭގެ ނިޞްބަތުން އާއްމުކޮށް މިޖެހޭ ޓީބީއާއި،ބޭހަށް ނުގުޑާ ޓީބީގެ ވެސް އެންމެ ހައިބާޑެން ކަންޓްރީސް އޮންނަ ޞަަރަޙައްދު. މިޤައުމުތަކުން ރާއްޖެއަށް މަސައްކަތް ކުރަން އަންނަ ބިދޭސީން، ރަނގަޅަށް ސްކްރީން ނުކުރެވުމާއި، އަދި އެމީހުންގެ ގައިގައ ޓީބީ ހުރިކަން ދެނެގަތުމަށްފަހުވެސް ރަނގަޅަށް ބޭސް ފަރުވާ ނުކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމައު މިއޮތީ މިކަމަށް ހުށަހެޅިފަ. އެހެންވީމަ ނިޞްބަތުން ރާއްޖޭގައި މިވަގުތު ބޭހަށް ނުގުޑާ ޓީބީ މަދުނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި އެނުރައްކާ އެބަައޮތް"  ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ، އައިމިނަތު އަނޫޝާ ވިދާޅުވިއެވެ.



ޢާއްމު ގޮތެއްގައި ޓީ.ބީ ބަލީގެ އަސަރުކޮށްފައިވޭތޯ ބަލަނީ ތިން ދުވަސް މަތިން ބަލި މީހާގެ ކުޅު ތަޙުލީލުކޮށް، މި ބަލީގެ ޖަރާސީމު ހުރިތޯބެލުމާއި، އެކްސްރޭގެ ޒަރީއާއިންނެވެ. އަދި މީގެ ކުރިން ބޭހަށް ނުގުޑާ ޓީބީ ހުރިތޯ ބެލުމަށް ބަލި މީހުންގެ ކުޅު ނަގާ ޓެސްޓު ހެދުމަށްޓަކައި، ފޮނުވަންޖެހެނީ ރާއްޖެއިން ބޭރަށެވެ. އަދި މިޓެސްޓުގެ ނަތީޖާ ލިބެންދެން ދޭއް ނުވަތަ ތިން މަސްވަންދެން ބަލި މީހާއާއި ބަލި މީހާއަށް ފަރުވާދޭ ކްލިނީޝަނުން މަޑު ކުރަން ޖެހުމަކީ، ރާއްޖެއިން ޓީބީ ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްގެ ގޮތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ފާހަގަކުރައްވައެވެ. ނެޝަނަލް ޓީބީ ކޮންޓްރޯލް ޕްރޮގްރާމްގެ ދަށުން  މިކަން ޙައްލު ކުރެއްވުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއަކަށްވީ، ރާއްޖޭގައި މިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބޭހަށް ނުގުޑާ ޓީބީއަަށް ޓެސްޓު ކުރެއްވުމުގެ އިންތިޒާމް ހަމަޖެހިގެން ދިއުމެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އެހީގައި އޯގަސްޓްމަހުގެ ދެވަނަ ދުވަހު ވަނީ ޓީބީއަށް ނުގުޑާ ޓީބީ ދެނެގަތުމަށް ބޭނުންކުރާ ޒަމާނީ މެޝިނެއް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަކުގައި ޤާއިމް ކުރައްވާފައެވެ. މެޝިން އިންސްޓޯލް ކުރެއްވުމާއެކު ކަމަށް ބޭނުންވާ ފަންނީ ބޭފުޅުން ތަމްރީން ކުރައްވާ މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އައި.ޖީ.އެމް.އެޗުގެ ރޭޑިއޯލޮޖީ ޑިޕާޓްމެންޓްގައި ވަނީ ޓެސްޓް ހަދަން ފަށާފައެވެ.

"ޖީން.އެކްސްޕަރޓް މެޝިން ބޭނުންކޮށްގެން ހަދާ ޓެސްޓުތަކުން އަވަހަށް ޓެސްޓުގެ ނަތީޖާ ލިބުމުގެ ސަބަބުން ފަރުވާ ފެށުން އަވަސްވެ، މިފަދަ ބަލިތަކުން މުޖުތަމަޢު ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ. މިއީ މިހާރު ކުރެވޭ ޓެސްޓްތަކާއި އަޅާ ބަލާއިއިރު ވަރަށް ބޮޑު ކުރިއެރުމެއް. ސާމްޕަލް ޕްރޮސެސް ކުރާތާ ދެގަޑިއިރުގެ ތެރޭގައި ، ބަލީމީހާގެ ކުޅުގައި ޓީބީ ޖަރާސީމު ހުރިތޯ އަދި ޓީބީއަށް ބޭނުންކުރާ ބޭހަށް ރެޒިސްޓެންޓްތޯ ދެނެގަނަވޭނެ. މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ޖީން އެކްސްޕަރޓް މެޝިން ބޭނުންކޮށްގެން 48 ޓެސްޓް ހަދައިފިން. ފަސް މީހެއްގެ ކުޅުގައި ޖަރާސީމު ހުރިކަން ކަށަވަރުވެގެން  މިހާރު ވަނީ ޑައިގްނޯޒްކޮށްފައި. ނަމަވެސް މީގެތެރެއިން އަދި އެއްވެސް މީހަކު ބޭހަށް ނުގުޑާ ޓީބީ އަށް އަދި ޕޮޒިޓިވް ވެފައެއް ނެތް." އައި.ޖީ.އެމް.އެޗް ގެ ރެޑިއޯލޮޖީ ޑިޕާޓްމެންޓުގެ ޑރ.މިލްޒާ ވިދާޅުވިއެވެ.



img:http://s3.psmnews.mv/images/660x400/8153.jpg|އައިޖީއެމްއެޗް - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް ފައިލް



އެޗް.އައި.ވީ.އެއިޑްސް ފިޔަވައި ދުނިޔޭގައި އެންމެ ގިނަ މީހުން މަރުވާ، ގައިން ގަޔަށް އަރާ ބައްޔަކީ ޓީބީއެވެ. 2015 ވަނަ އަހަރުގެ ގްލޯބަލް ޓީ.ބީ ރިޕޯޓުން ދައްކާގޮތުގައި، 2013 ވަނަ އަހަރު އެކަނިވެސް 9.6 މިލިއަން ޓީ.ބީ ކޭސް ރިޕޯޓް ކުރެވިފައިވާއިރު، 1.5 މިލިޔަން މީހުން މި ބަލީގައި މަރުވެފައިވެއެވެ. އެހެންނަމަވެސް ޓީ.ބީ ހުރިތޯ ދެނެގަނެ،ފަރުވާ ކުރުމުގެ ސަބަބުން 2000 ވަނަ އަހަރާއި، 2014 ވަނަ އަހަރާއި ދެމެދު 43 މިލިޔަން މީހުންގެ ފުރާނަ ސަލާމަތް ކުރެވުނު ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.