ޚަބަރު

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިޞްލާޙީ މަގުޗާޓަށް ޚިޔާލު ހޯދުމުގެ ވޯޓު އަންނަ ފެބްރުއަރީ މަހު ނަގަނީ


ބަންގްލަދޭޝްގެ ‘ޖުލައި ޗާޓާރ’ ތަންފީޒު ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ނިންމާފައިވާ ކަމަށް އެ ޤައުމުގެ އިންތިޤާލީ ސަރުކާރުގެ އިސްވެރިޔާ، މުޙައްމަދު ޔޫނުސް އިޢުލާނުކުރައްވައިފިއެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން “ޖުލައި ޗާޓަރ” އިޞްލާޙީ މަގުޗާޓު އެކުލަވާލާފައި ވަނީ ސަރުކާރާ މެދު ހިތްހަމަ ނުޖެހި މިދިޔަ އަހަރުގެ ތެރޭގައި ބަންގްލަދޭޝްގެ ދަރިވަރުން ކުރި މުޒާހަރާތަކަށް ފަހުގައެވެ. ބަންގްލަދޭޝްގެ ސަރުކާރުން އެ ޗާޓަރަށް ނޮވެމްބަރު މަހުގެ 13ވަނަ ދުވަހު ވަނީ ތާއީދުކޮށްފައެވެ. އެ ޗާޓަރު ތަންފީޒު ކުރާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއަށް ރިޢާޔަތް ކުރުމަށް ފަހުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ޤައުމާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ޔޫނުސް ވިދާޅުވީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ވެސް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ބާއްވާނެ ކަމަށާއި އެ އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމަށެވެ. ޚިޔާލު ހޯދުމުގެ ވޯޓު ނަގާނީ ވެސް ހަމަ އެ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީސް އިންތިޚާބާ އެއްދުވަހެއްގައި ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަކީ އިސްލާޙީ މަރުޙަލާއަށް ބުރޫ އަރާނެ ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އިންތިޚާބު ބޭއްވުމަށް ކުރަންޖެހޭ ޚަރަދު ކުޑަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންްގްލަދޭޝްގެ ވަގުތީ ސަރުކާރުން އެކުލަވާލާފައިވާ މި މަގުޗާޓުގެ ބޭނުމަކީ އެ ޤައުމުގެ ސިޔާސީ މަސްރަހާއި މުއައްސަސާތައް އަލުން ބައްޓަންކޮށް އެކުލަވާލައި، ކުރީގެ ރައީސް ޝައިޚް ޙަސީނާ ވެރިކަމުން ދުރުވެވަޑައިގަތުމަށް މަޖުބޫރުކުރުވި މުޒާހަރާތަކަށް ޤާނޫނުއަސާސީން ހައިސިއްޔަތު ދިނުމެވެ. އެ މަގުޗާޓުގައި ޝައިޚް ޙަސީނާގެ ވެރިކަމުގައި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންނާއި އަނިޔާކޮށްފައިވާ މީހުންގެ އިތުރުން މިދިޔަ އަހަރުގެ މުޒާހަރާތަކުގައި މަރުވި މީހުންނަށް އިންސާފު ހޯދައިދޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ޤައުމު ހިންގުމުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމާއި ބޮޑުވަޒީރަށް ވެރިކަމުގައި ދެމި ހުރެވޭނީ ކިތައް ދައުރަށްތޯ ކަނޑައެޅުމާއި، ރައީސްގެ ބާރުތައް އިތުރުކުރުމާއި، އަސާސީ ހައްޤުތައް ފުޅާކުރުމާއި، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން ވެސް އެ ޗާޓަރުގައި ހިމެނެއެވެ.

މި މަގު ޗާޓަށް ބަންގްލަދޭޝްގެ ގިނަ ސިޔާސީ ޕާޓީތަކުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ތާއީދުކޮށްފައެވެ. މަގުޗާޓަށް ތާއީދުކޮށް ސޮއިކޮށްފައިވާ ޕާޓީތަކުގެ ތެރޭގައި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނެޝަނަލިސްޓު ޕާޓީއާއި، ޖަމާޢަތީ އިސްލާމީ ޕާޓީ ވެސް ހިމެނެއެވެ.

ނަމަވެސް މިދިޔަ އަހަރުގެ މުޒާހަރާތައް އިންތިޒާމްކޮށް ކުރިއަށް ގެންގޮސްފައިވާ ދަރިވަރުން އުފައްދާފައިވާ ސިޔާސީ ޕާޓީ ކަމަށްވާ ނޭޝަނަލް ސިޓިޒެންސް ޕާޓީ (އެންސީޕީ)ން މަގުޗާޓަށް ތާއީދުކޮށް ސޮއިކޮށްފައެއް ނުވެއެވެ. އެންސީޕީން ބުނީ އެ ޕާޓީން އެ ރަސްމިއްޔާތުގައި ބައިވެރި ނުވީ މަގުޗާޓުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ޤާނޫނީ އޮނިގަނޑެއް ނެތުމުން ކަމަށެވެ. މަދު ސިޔާސީ ޕާޓީތަކަކުން އެ މަގުޗާޓުގައި ސޮއިކުރުމަކީ އެ މަގުޗާޓަށް މުޅި ޤައުމުން ރުހޭކަމުގެ ހެއްކެއް ނޫން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ނަމަވެސް ޖުލައި ޗާޓަރަށް ތާއީދު ކުރާ މީހުން ޤަބޫލުކުރާ ގޮތުގައި އެއީ އިދާރާތައް އިސްލާހު ކުރުމަށް އެޅޭ މުހިންމު ބިންގަލެކެވެ. ޔޫނުސް ވިދާޅުވީ ޤައުމުގެ މަސްލަހަތަށްޓަކައި ސިޔާސީ ޕާޓީތަކުން ސަރުކާރުގެ ނިންމުން ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވައި ކަމަށެވެ.