ޚަބަރު

ބިލީ ޖީން ކިންގް ކަޕް 2025: ތާރީހީ މޮޅަކާއެކު ރާއްޖެ ފައިނަލަށް


  • ރާއްޖޭން ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލްގައި 3-0 ޖޯޑަން ބަލިކޮށްގެން

  • ފައިނަލްގައި މާދަމާ ހެނދުނު ރާއްޖެ ނިކުންނާނީ ލާއޯސް އާއި ދެކޮޅަށް

ބިލީ ޖީން ކިންގް ކަޕް 2025 ގެ އޭޝިއާ/އޯޝޭނިއާ ގުރޫޕް 3 ގެ ފައިނަލަށް ރާއްޖޭގެ ޓެނިސް ޓީމު ދަތުރުކޮށްފިއެވެ.

‎އަންހެން ޓެނިސް ވޯލްޑް ކަޕް ކަމުގައި ބަލާ މި މުބާރާތުގެ ފައިނަލްގައި ރާއްޖެ ނިކުންނާނީ ހޮނިހިރު ދުވަހު ހެނދުނު ލާއޯސްއާއި ދެކޮޅަށެވެ. ރާއްޖެ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ރާއްޖެ ހިމެނޭ ގުރޫޕުގެ ހުރިހާ ގައުމެއް ބަލިކުރުމަށް ފަހު ސެމީ ފައިނަލްގައި 3-0 ޖޯޑަން ބަލިކޮށްގެންނެވެ.

‎ވިއެޓްނާމުގައި ކުރިޔަށްދާ މި މުބާރާތުގައި މިއަދު ކުޅުނު ސެމީފައިނަލްގައި ސިންގަލްސް ފުރަތަމަ މެޗު ރާއްޖޭގެ ނަބާ ނިޝާން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ޖޯޑަންގެ އަބޫ އަލް ހާޖް އަނާ އާއި ވާދަކޮށް މި މެޗުގެ ސެޓުތައް ނަބާ ގެންދިޔައީ 6-4 އަދި 6-4 ންނެވެ.

‎ސިންގަލްސް ދެވަނަ މެޗު ރާއްޖޭގެ އާރާ އާސަލް އާޒިމްވެސް ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ޖޯޑަންގެ ނޫރް ސަޔެޖްއާއި ވާދަކޮށް މި މެޗުގެ ސެޓުތައް އާރާ ގެންދިޔައީ 6-1 އަދި 6-2 ންނެވެ.

ސެމީ ފައިނަލްގެ ޑަބަލްސް މެޗު ރާއްޖޭގެ އައިޝަތު ކަރިން ސައިޒާން އާއި ނަޔާރާ އުސާމާ އަލީގެ ޕެއަރއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ނަޔާރާ އާއި ކަރިން ސެމީ ފައިނަލްގައި ބައްދަލުކުރީ ޖޯޑަންގެ ސުލަފް އަބޫލަތީފް އާއި ހާޖަރް އަލް ލައުޒީގެ ޕެއަރއާއި ދެކޮޅަށެވެ. މި މެޗުގެ ސެޓުތައް ކަރިން އާއި ނަޔާރާގެ ޕެއަރއިން ކާމިޔާބުކުރީ 6-1 އަދި 6-3 ންނެވެ.

‎ރާއްޖެ ހިމެނޭ ގުރޫޕްގައި ދެން ހިމެނެނީ ވިއެޓްނާމް، ބަހްރެއިން އަދި ޖޯޑަންއެވެ. ރާއްޖޭ ޓީމުގެ ކެޕްޓަނަކީ ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އައިމިނަތު އިރުފާ މާހިރެވެ. ރާއްޖޭގެ ޓީމަށް އިރުޝާދުދެނީ ގައުމީ ޓެނިސް ޓީމުގެ ކޯޗު އީރާނުގެ އަލީ ރިޒާއެވެ.