ޤަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ޙަރަކާތްތަކުގައި ޝާމިލްވަމުންދާކަން ފާހަގަކުރެވިފައިވާ ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ސަރަހައްދުތައް ހިމެނޭހެން، ޓާސްކްފޯސްއިން ރޭގެ ވަގުތެއްގައި ކާމިޔާބު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
އަދި ޖުމްލަ 347 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ޚިލާފަށް ތިބި 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ވިދާޅުވިއެވެ.
ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ޙަރަކާތްތަކުގައި ޝާމިލްވަމުންދާކަން ފާހަގަކުރެވިފައިވާ ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ސަރަހައްދުތައް ހިމެނޭހެން، ޓާސްކްފޯސްއިން ރޭގެ ވަގުތެއްގައި ކާމިޔާބު އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައި. އަދި ޖުމްލަ 347 ބިދޭސީއަކު… pic.twitter.com/o15xlwcs2K
— Maldives Immigration (@ImmigrationMV) November 13, 2025
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނާ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.
މި މަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަންކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުން މިކަމުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.