މަސްތުވާކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.
މި އޮޕަރޭޝަން ފަށާފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްޙޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ދިވެހިރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
މި މަސައްކަތުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ޙާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އޮޕަރޭޝަނުގައި އެއްވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިއޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. މިގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ޙާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް އަޅުގަނޑުވާނީ ފުލުހުންނަށް އަންގާފަ.…
— Dr Mohamed Muizzu (@MMuizzu) November 13, 2025
މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައިވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.
މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށް، ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ފުލުހުން ވިދާޅުވީ "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ފަށާފައިވާކަމަށާއި، މިއީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށެވެ.
މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް ގެންދާނެކަމަށް ވިދަޅުވިއެވެ.
"އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.