2012އިން ފެށިގެން ފުރަތަމަ ފަހަރަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުވާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކަސްޓަމްސްއަށް ކަނޑައަޅާފައިވަނީ، 297 މިލިޔަން ރުފިޔާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ކަސްޓަމްސް ޗީފް ސުޕްރިޓެންޑެންޓް ޢަބްދުﷲ ޢަލީ ވިދާޅުވީ، ކަސްޓަމްސްއިން އެދުނު ބަޖެޓަށްވުރެ ހުށަހަޅާފައިވާ ބަޖެޓު ކުޑަ ނަމަވެސް، މުވައްޒަފުންގެ މުސާރަ ބޮޑުވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އެގޮތުން ސަރުކާރުގެ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ތެރެއިން ކަސްޓަމްސްގެ މުވައްޒަފުންގެ މުސާރައަށް 13 އަހަރު ފަހުން ހެޔޮ ބަދަލެއް އަންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިހާތަނަށް މުވައްޒަފުންނަށް މުސާރަ ދެމުން އައީ، 2011 ވަނަ އަހަރު ކަސްޓަމްސްގެ ޤާނޫނު ވުޖޫދުވުމަށްފަހު 2012 ވަނަ އަހަރު އެކުލަވާލި މުސާރައިގެ އޮނިގަނޑުގެ ތެރެއިން." ޢަބްދުﷲ ޢަލީ ވިދާޅުވިއެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވީ، އަންނަ އަހަރަށް 316 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ދަންނަވާފައިވާ ކަމަށެވެ. ނަމަވެސް، މަޖިލީހަށް ހުށައަޅާފައިވަނީ އެ އަދަދަށްވުރެ 13 މިލިޔަން ކުޑަ ބަޖެޓެއް ކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ، ކޮންޓެއިނަރު ސްކޭން ކުރާ މެޝިން ފަދަ ޚިދުމަތަށް ބޭނުންވާ މުހިންމު ވަޞީލަތްތަކެއް ހޯދުމުގެ މަސައްކަތް ކަސްޓަމްސްއިން ކުރަމުންދާ ކަމަށެވެ. ނަމަވެސް، އެކަން ހާސިލްކުރުމަށް މިހާރު ހުށަހަޅާފައިވާ ބަޖެޓަށްވުރެ ބޮޑު ބަޖެޓެއް ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"162 މިލިޔަން ބޭނުންވޭ އެބަ ވަޞީލަތްތައް ހޯދަން. މިދިޔަ އަހަރުންސުރެ ކޮންޓެއިނަރު ސްކޭންކުރާ މެޝިނެއް ހޯދުމުގެ މަސައްކަތް ކުރަމުން އަޅުގަނޑުމެން މިއަންނަނީ." ދިޔާނާ ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ މަޖިލީހުގެ ކޮމިޓީއަށް ވުޒާރާތަކާއި، ސަރުކާރު އިދާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ދަނީ ޙާޟިރު ކުރަމުންނެވެ. އަދި އެ ތަންތަނުން ދަނީ، ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަން ޙިއްސާކޮށް، މާލީ ގޮތުން ދިމާވާ ދަތިތައް ފާހަގަކުރަމުންނެވެ.