އަންނަ އަހަރުން ފެށިގެން ޙައްޖު މޫސުމުގައި އެންމެހައި ޙައްޖުވެރިންގެ ހަދްޔު ކަތިލުމާއި، އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސީދާ ޙައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމުގައި ސަޢުދީ ސަރުކާރުން ނިންމަވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޙައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުމަށް ފައިސާ ދައްކަން ޖެހެނީވެސް ޑިޖިޓަލް ޕޯޓަލްގެ ތެރެއިން އެޤައުމެއްގެ ޙައްޖު މިޝަން މެދުވެެރިކޮށް ޙައްޖު މިނިސްޓްރީއަށް ކަމަށެވެ.
ކުރިން މިކަން ކުރަމުން ދިޔައީ، ޙައްޖު ޖަމާޢަތްތަކުން ސަޢުދީގެ ޕްރައިވެޓް ކުންފުނިތައް މެދުވެރިކޮށެވެ. މިހާރު މި ގެނައި ބަދަލާއެކު ސީދާ ޙައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން އުޟްޙިޔާއާއި، ހަދްޔާ ބެހޭ ޚާއްޞަ ކޮމިޝަނަކުން އެކަން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ކަތިލުމަށްފަހު ފަޤީރުންނަށް މަސް ބެހުމުގެ ކަންތައްތައްވެސް ކުރިޔަށް ގެންދާނީ، އެ ކޮމިޝަނުން ކަމަށާއި އެޤައުމެއްގެ ޙައްޖުވެރިންގެ ހަދުޔާއި، އުޟްޙިޔާ ކަތިލުމުގެ ވީޑިއޯވެސް މިޝަނުން ބޭނުންނަމަ ޙިއްސާކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޙައްޖު މިޝަނުން ބޭނުންނަމަ ޙައްޖުވެރިން ކާން ބޭނުން ކުރުމަށް މަސް ފޯރުކޮށްދޭނެ ކަމަށެވެ. ސަޢުދީ ސަރުކާރުން މިބަދަލު ގެނައީ، ޙައްޖުގެ އަޅުކަން ހެޔޮ ގޮތުގައި ތަންފީޒުވުން ކަށަވަރު ކުރުމަށާއި، ކޮރަޕްޝަންގެ އަމަލަކަށް ޖާގަ ނުދިނުމަށް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ޙައްޖު މިނިސްޓްރީން އިއްޔެ ވަނީ، މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޤައުމުތަކުގެ ޙައްޖު މިޝަންތަކުގެ ވެރިންނާއި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ މިނިސްޓްރީއާއި ޙައްޖު ކޯޕަރޭޝަނުން ބައިވެރިވިއެވެ. ރާއްޖޭގެ ޙައްޖު މިޝަނުންވަނީ، މިކަމަށް މަރުހަބާ ކިޔައި މިބަދަލަކީ ވަރަށް ރަނގަޅު ބަދަލެއް ކަމުގައި ހާމަކޮށްފައިވެއެވެ.