ޚަބަރު

ލަންކާ ބޯޓުގައި ތިބި 5 މީހުން ޝަރީއަތް ނިމެންދެން ބަންދަށް


  • ސްރީލަންކާގެ މަސް ބޯޓެއްކަމަށް ބެލެވޭ "އަވިޝްކާ ޕުތާ" އަތުލައިގަތީ މަހުގެ 7ވަނަ ދުވަހު

  • ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ

ޑްރޯން ބޭނުންކޮށްގެން އެމްއެންޑީއެފުން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ސްރީލަންކާގެ މަސްބޯޓުގައި ތިބި 5 މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުން ފެނުނު، ސްރީލަންކާގެ މަސް ބޯޓެއްކަމަށް ބެލެވޭ "އަވިޝްކާ ޕުތާ" ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައީ މިމަހުގެ 7ވަނަ ދުވަހު އެވެ. ފުލުހުން ވިދާޅުވީ އެ އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ޚިލާފަށްކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 5 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެއީ 28 އަހަރާއި 34 އަހަރާއި 39 އަހަރާއި 42 އަހަރުގެ ފިރިހެނެއްގެ އިތުރަށް 63 އަހަރުގެ ފިރިހެނެކެވެ. އަދި މި މައްސަލަ ދިވެހިރާއްޖޭގެ ގުޅުންހުރި ގާނޫތަކުގެ ދަށުން، ދިވެހި ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ތަހުގީގު ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭ މަޝްވަރާތައް ތަހުގީގުގައި ބައިވެރިވާ އިދާރާތަކާއެކު ކުރަމުން ގެންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެކަމަށެވެ.

ސްރީލަންކާގެ މަސްބޯޓު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މިތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި އިރު، އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމްއާއި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެތިކަމަށް ފުލުހުން ވިދާޅުވިއެވެ.