ތުރުކީގެ އަސްކަރީ ވައިގެ އުޅަނދެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކަރީ ވައިގެއުޅަނދު ވެއްޓުނު ހާދިސާއާ ގުޅިގެން އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނާއި އެ ޤައުމުގެ ރައްޔިތުންނަށް އަދި ޚާއްސަކޮށް އެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާކަމަށެވެ.
ރައީސް ވަނީ މި ހާދިސާގައި މަރުވި މީހުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުޢާ ކުރައްވާ ކަމަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން ދުޢާ ކުރައްވާފައެވެ.
My deepest condolences to His Excellency @RTErdogan, the government, and the brotherly people of Türkiye, particularly the bereaved families, following the military cargo aircraft crash. May Almighty Allah grant the deceased eternal paradise and give their loved ones patience and…
— Dr Mohamed Muizzu (@MMuizzu) November 12, 2025
ތުރުކީގެ ވައިގެ އުޅަނދު ވެއްޓުނީ ޖޯޖިއާ އާއި އަޒަރުބައިޖާން ބޯޑަރު ކައިރިންނެވެ. ރިޕޯޓުތައް ބުނާގޮތުން އެ އުޅަނދުގައި 20 މީހުން ދަތުރުކުރިއެވެ. މީގެ ތެރެއިން ބައެއް މީހުން އަދިވެސް ފެނިފައިނުވެއެވެ.
ސަރޗް އެންޑް ރެސްކިއު ޓީމުތަކުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައި އެ މަސައްކަތުގެ ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ތުރުކީއާއެކުގައި ކަމަށްވެސް އެމަނިކުފާނު ފޮނުއްވެވި މެސެޖުގައި ވިދާޅުވިއެވެ.
ތުރުކީގެ ބައެއް މީޑިއާތަކުން ޖޯޖިއާގެ އޭވިއޭޝަން އޮތޯރިޓީއާ ހަވާލާދީ ބުނެފައިވަނީ ޑިސްޓްރެސް ސިގްނަލެއް ނުލިބެނީސް ތުރުކީގެ އުޅަނދު ރާޑަރުން ގެއްލުނު ކަމަށެވެ. އަދި އެ ބޯޓު ވެއްޓިފައިވަނީ އަޒަރުބައިޖާންގެ ބޯޑަރު ކައިރިން ޖޯޖިއާގެ އަވަށަކަށް ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.