ޚަބަރު

ދިވެހިންނަށް މިނާއާއި އަރަފާތުގައި ފެންވަރު ރަނގަޅު ޚިދުމަތްދޭން އެއްބަސްވުމެއްގައި ސޮއިކޮށްފި


  • މީގެ ކުރިން ދިވެހިން ތިބީ މިނާގައި "ސީ ކެޓަގަރީ"ގައި

  • މިއަހަރު ދިވެހި ޙާޖީންނަށް ޚިދުމަތް ލިބުނީ "ބީ ކެޓަގަރީ"ގައި

މިނާ އަދި އަރަފާތުގައި ދިވެހި ހައްޖާޖީންނަށް ދޭންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ދިނުމަށް ރަވާފް މިނާއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސައުދި އަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްގެންދާ ހައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025ގައި މި އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލެވެ. އަދި ރަވާފް މިނާގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޒުހައިރު އަބްދުލް ހަމީދު ސަދާޔޯއެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ހައްޖާޖީންނަށް، މިނާ އަދި އަރަފާތުގައި އެންމެ ފެންވަރު ރަނގަޅު ހިދުމަތް ދިން އަހަރެވެ.

ޙައްޖު މަހުގެ 8 ވަނަ ދުވަހު މިނާގައި މަޑު ކުރުމަށްފަހު އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާވެސް އެނބުރި ދާން ޖެހެނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަސްވެސް ހޭދަކުރަނީ މިނާގައެވެ. މިނާއަކީ މުސްލިމުންނަށް ވަރަށް ބޮޑު ތާރީޚެއް އޮތް ތަނެކެވެ.

އެހެންކަމުން މިނާގައި އެތައް މިލިޔަން ބަޔަކު ތިބޭއިރު އެއީ ފަސޭހަ ކަމެއްވެސް ނޫނެވެ. ދިވެހި ޙައްޖާޖީންވެސް މިހާތަނަށް މިނާގެ ޓެންޓު ނުވަތަ ފޭލިގެތަކުގައި ތިބެނީ އެހެން ބައެއް ޤައުމުތަކުގެ ޙާޖީންނާއެކުއެވެ. ޙާޖީން ބޭނުންކުރާ ފާޚާނާތަކަކީވެސް އެހެން ޤައުމުތަކުގެ މީހުންވެސް ބޭނުންކުރާ ފާޚާނާތަކެކެވެ. އަދި މިނާގައި ތިބޭ ދުވަސްތަކުގައި ކެމުގެ އިންތިޒާމުތަކަކީވެސް އުނދަގޫ އިންތިޒާމުތަކެކެވެ. ދިވެހި ކެއުންތައް ޙާޖީންނަށް ދިނުން އޮންނަނީ ދަތިކަމަކަށްވެފައެވެ.

ނަމަވެސް މިދިޔަ ޙައްޖުގައި ދިވެހި ސަރުކާރުން ސަޢޫދި ޢަރަބިއްޔާގެ ސަރުކާރާއެކު ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ ދިވެހި ޙާޖީންނަށް މިނާގައި ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވުމެވެ. މީގެ ކުރިން ދެމުން ދިޔަ "ސީ ކެޓަގަރީ"ގެ ޚިދުމަތުގެ ބަދަލުގައި މިއަހަރު ދިވެހި ޙާޖީންނަށް ޚިދުމަތް ލިބުނީ "ބީ ކެޓަގަރީ"ންނެވެ. މިއީ ދިވެހި ޙާޖީން މިނާގައި ހޭދަކުރާ ވަގުތުތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

އެންމެ ބޮޑު ލުޔެއް ލިބޭނެ އެއްކަމަކީ ނިދުމުގެ އިންތިޒާމުތަކަށެވެ. މީގެ ކުރިން އެކި ޤައުމުތަކުގެ ޙާޖީންނާއެކު ފޭލިގެތަކުގައި ގޮދަނޑި އަޅައިގެން ނިދިނަމަވެސް މިއަހަރުގެ ދިވެހިންނަށް ޚާއްޞަ ފޭލިގެތައް ހުއްޓެވެ. މީގެކުރިން މުތައްވިފް (ޓެންޓުގެ އިންތިޒާމުތައް ހަމަޖައްސާ އޭޖެންޓު) މެދުވެރިކޮށް ދިވެހިންނަށް ޕާރުސަލުގައި ކެއުން ބެހިނަމަވެސް މިފަހަރު ކެއުން ބުއިމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ބުފޭގައެވެ.

އަންނަ އަހަރުގެ ހައްޖުގެ އަޅުކަމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް މިވަނީ ސަޢުދީ އެއަލައިންނާ އެކު ރާއްޖެއިން ހައްޖަށްދާ މީހުންގެ %50 މީހުން ގެންދަން އެއްބަސްވުން އެކުލަވާލާފައެވެ. އަދި ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ސަޢުދީ އަރަބިއްޔާގެ އަލް އަބީރު ނޭޝަނަލް ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއްވެސް އެކުލަވާލާފައެވެ.