އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްވުމަކީ އިމާރާތްކުރުމުގެ ދާއިރާގެ ހިންގުން ފަސޭހަވާނެ ކަމެއްކަމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ މަސީން ވިދާުވެއްޖެއެވެ.
މަސީން މިހެން ވިދާޅުވީ، އިމިްގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމާ ގުލޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.
މަސީން ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިންގެ ބެލެހެއްޓުުމުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހްސާން ދެއްވާ ސަމާލުކަމާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހާއި، އިމިގްރޭޝަންގެ އޮފިސަރުން ކުރައްވާ މަސައްކަތްތަކާއި ކަމާބެހޭ މުވައްޒަފުން ކުރައްވަމުން ގެންދަވާ ޚިދުމަތްތައް އެ އެސޯސިއޭޝަނުން ފާހަގަކުރައްވާކަމަށެވެ. އަދި އެކަންކަމަށް ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް މަސީން ދެއްވައެވެ.
މަސީން ވިދާޅުވީ، ބިދޭސީންގެ މަޢުލޫމާތު އެކުލެވޭ އެޕްލިކޭޝަނާއި، އީ ވިޒާގެ ނިޒާމަކީ ރާއްޖޭ ކަހަލަ ޖަޒީރާ ޤައުމަކަށް ނުހަނު ބޭނުންތެރި ޚިދުމަތްތަކެއްކަމަށާއި، ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރައްވާ މަސައްކަތަށް މަސީން ޝުކުރު އަދާކުރައްވާކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީނަށް ދޫކުރާ ހުއްދަ ނުވަތަ ވިޒާގެ ކަންކަން ކުރުމަށް މީގެ ކުރިން ވަރަށް ގިނަ ވަގުތު ނަގައެވެ. އެހެންނަމަވެސް އަލަށް ތަޢާރަފްކުރި "އީ-ވިޒާ" ގެ ޚިދުމަތާއެކު ވިޒާގެ ކަންކަން ކުރުމަށް މީގެ ކުރިން އިމިގްރޭޝަނަށް ދާން ޖެހޭ ޖެހުން ނިމުމަކަށް އައިސް، ފަސޭހަކަމާއެކު އޮންލައިންކޮށް ވިޒާގެ އެންމެހާ ހިދުމަތްތައް ލިބޭނެ ގޮތަށް ވަނީ އިންތިޒާމްތައް ހަމަޖައްސަވާފައެވެ.
މަސީން ބުނީ މިއީ އިންޑަސްޓްރީގެ މަސައްކަތްތަކަށާއި ހިންގުމުގެ ދާއިރާއާއި ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއްކަމަށާއި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއަށް ޝުކުރު ދަންނަވާކަމަށެވެ.