ރާއްޖެއާއި ދެކުނު ކޮރެއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ދެއްވައިފިއެވެ.
ދެ ޤައުމުގެ ގުޅުމަށް އަލިއަޅުވައި ޚާރިޖީ ވަޒީރު ވާހަކަ ދައްކަވާފައިިވަނީ، ދެކުނު ކޮރެއާއި ރާއްޖެއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްވިތާ 58 އަހަރު ފުރުން ފާހަގަކޮށް ބޭއްވި ޖާފަތުގައެވެ. މިއީ، ރާއްޖޭގައި ހުންނަ ދެކުނު ކޮރެއާ ސަފީރު މިޔޮން ލީ އިންތިޒާމްކުރައްވައިގެން ބޭއްވި ޖާފަތެކެވެ.
މި ޖާފަތް ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ، ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުމަށް އަލިއަޅުވާލައްވާފައެވެ. ވަޒީރު ވަނީ މި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ. މިގޮތުން ގިނަ އަހަރު ތަކެއްގެ ގުޅުމުގެ ތެރެއިން އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ބަދަހިވެފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި، ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމުގެ އިތުރުން ތަޢުލީމާއި، ފަންނިއްޔާތު އަދި ސިއްޚީ ދާއިރާ ޚާއްސަ ގޮތެއްގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ޚާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ދެ ޤައުމުގެ ގުޅުން ބިނާވަނީ، އެކުވެރިކަމާއި، އިޙްތިރާމް ކުރުމާއި ގުޅިގެން މަސައްކަތް ކުރުން ކަމަށް ވިދާޅުވިއެވެ. އަދި މި ގުޅުމަކީ، އަމަންކަމާއި ފާގަތިކަމަށް ދެ ޤައުމުން ކުރާ އުއްމީދުގެ މައްޗަށް ބިނާވާ ގުޅުމެއް ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
މި ޖާފަތުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުންގެ އިތުރުން އެހެން ޤައުމުތަކުގެ ސަފީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.