16 ވަނަ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ގައުމީ ބޮޑީ ބިލްޑިންގ ޓީމުގެ ފަސް އެތުލީޓަކު މިއަދު ފުރައިފިއެވެ.
މިމުބާރާތް ކުރިއަށްދާނީ މިމަހުގެ 13 ވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށް އިންޑޮނޭޝިއާގެ ބަޓަމްގައެވެ. މިމުބާރާތުގަ ރާއްޖެއިން ވާދަކުރާނެ ކެޓެގަރީތަކަކީ 17 ސެންޓިމީޓަރ ސްޕޯޓް ފިޒީކް، 175 ސްޕޯޓް ފިޒީކް، 167 އެތުލެޓިކް ފިޒީކް، 175 އެތުލެޓިކް ފިޒީކް އަދި އަޕް ޓު 180 އެތުލެޓިކް ފިޒީކް ކެޓަގަރީއެވެ.
މުބާރާތަށް ފުރުމުގެ ކުރިން އެއަރޕޯޓުގައި ހުރެ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ގައުމީ ބޮޑީބިލްޑިން ޓީމުގެ ކޯޗު ޢަބްދުލް ހަސީބު ހުސެއިން ބުނީ މުބާރާތަށް ތައްޔާރުވުމަށް ކުރެވުނު މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭކަމަށެވެ. މިމުބާރާތުގައި ވާދަކޮށް މީގެ ކުރިންވެސް ރާއްޖެއަށް ރަން މެޑަލް ލިބިފައިވާކަމަށާ އެހެންކަމުން މި އަހަރުގެ އަޒުމަކީވެސް އިތުރު ރަން މެޑަލްތަކެއް ގައުމަށް ގެނެސްދިނުންކަމަށް އޭނާ ފާހަގަކުރިއެވެ.
"ވަރަށް ރަނގަޅަށް ދިޔައީ، ހިތްހަމަޖެހޭ. ދެން ވާދަކުރީމަ ނަތީޖާއާ ހަމައަށް ދެވޭނީ. ވޯލްޑަކީ އަޅުގަނޑުމެން ގޯލްޑް ނުގެނެސް އޮތް އެއްޗެއް ނޫން. ވޭތުވެދިޔަ ތިން އަހަރު ގޯލްޑް، ސިލްވަރ ހަމަ ކޮންމެ އަހަރަކު އައީ ލިބެމުން" ހަސީބު ބުންޏެވެ.
ހަސީބު ބުނީ އެންމެ ފަހުން ބޭއްވި ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ވާދަކުރި ރާއްޖޭގެ އެތުލީޓުން ރަން އަދި ރިހި މެޑަލް ހާސިލްކޮށްފަވާކަމަށެވެ. މިއަހަރުގެ މުބާރާތް މިމަހުގެ 13 ވަނަ ދުވަހު ފެށޭއިރު އިންޑޮނޭޝިއާގައިވެސް ކޮންމެވެސް ވަރަކަށް ފަރިތަކުރުންތައް ގެެންދާނެކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ބޮޑަށް އިސްކަންދޭނީ ނިންމަންހުރި ޓެކްނިކަލް މަސައްކަތްތައް ނިންމުމަށްކަމަށް ކޯޗުވަނީ މައުލޫމާތު ދީފައެވެ.
މުބާރާތުގަ ރާއްޖެ ތަމްސީލުކުރާ ބައިވެރިއެއްކަމަށްވާ މަނާފް ވަހީދު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ބުނީ ޓީމުގެ އަމާޒަކީ މިއަހަރުވެސް މިދިޔަ އަހަރެކޭ އެއްގޮތަށް ގައުމަށް ރަން މެޑަލް ގެނެސްދިނުންކަމަށެވެ. ޓީމުގެ ފަރިތަކުަރުންތައް ދިޔައީ ވަރަށް ބުރަކޮށްކަމަށް ފާހަގަކުރަމުން މަނާފް ބުނީ ކޯޗުގެ ފަރާތުން ލިބުނު އެއްބާރުލުން ބޮޑުކަމަށެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު އެތުލީޓުންގެ ހާލަތު ދެނެގަތުމަށް ބޮޑީ ޗެކަޕްތައް ހަދާފަވާއިރު އެކަމަށް ބެލުމަށްފަހު ފަރިތަކުރުންތައް ބައްޓަންކުރިކަމަށް އޭނާ ހާމަކުރިއެވެ.
"މިފަހަރު އަޅުގަނޑުމެންގެ އުންމީދަކީވެސް ހަމަ ރާއްޖެއަށް ގޯލްޑު މެޑަލް ގެނައުން. އެއީ ހުރިހާ އެތުލީތުންވެސް ކުރާ އުންމީދަކީ" ބޮޑީ ބިލްޑިން ޓީމާ ދާދި ފަހުން ގުޅި ގައުމަށް ލޯ މެޑައްޔެއް ގެނެސްދީފަވާ އެތުލީޓު ބުންޏެވެ.
16 ވަނަ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނަކީ އަހުމަދު ނައީމް، އަޒްނީން ރަޝާދު، މަނާފް ވަހީދު، އަލީ މަބްރޫކް ލަތީފް އަދި އިސްމާއިލް ޝުއާއު ޢަބްދުﷲ އެވެ. އޭގެ އިތުރުން ގައުމީ ޓީމުގެ ކޯޗު ޢަބްދުލްހަސީބު ހުސައިންއާއި މެނޭޖަރެއްގެ ގޮތުން މުހަންމަދު ނަޒީހުވަނީ ޓީމާއެކު ފުރާފައެވެ.
މިމުބާރާތުގަ ރާއްޖޭގެ ފަރާތުން ހަރަކާތްތެރިވާނެ ފަނޑިޔާރަކީ މުހަންމަދު ނާޝިދުއެވެ. މިމުބާރާތުގަ މަދުވެގެން 40 ގައުމަކުން ވާދަކުރާނެކަމަށްވަނީ މައުލޫމާތު ލިބިފައެވެ.