ޚަބަރު

4 މިލިޔަނަށްވުރެ ގިނަ ވޯޓާއިއެކު، ޖަޒީރާ މަންޒިލް ބްރޯންޒު އެވޯޑް ރާއްޖެއަށް


  • ވޮންޑަރލަސްޓް ރީޑަރ ޓްރެވަލް އެވޯޑު ދެނީ ކިޔުންތެރިންގެ ވޯޓުން

  • ރާއްޖެ ވާދަކުރީ ގަލަޕެގޮސް އައިލަންޑްސް، ބަހާމާސް، ޓެސްމޭނިއާ، ބަރމިއުޑަރ

އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު ފަތުރުވެރިކަމުގެ އެއް މަޖައްލާކަމަށްވާ ވޮންޑަރލަސްޓްގެ ކިޔުންތެރިންގެ ވޯޓުން ހޮވާ ވޮންޑަރލަސްޓް ރީޑަރ ޓްރެވަލް އެވޯޑުގައި ދުނިޔޭގެ އެންމެ މަޤުބޫލު ޖަޒީރާ މަންޒިލްގެ ބްރޯންޒް އެވޯޑް ރާއްޖެއިން ހޯދައިފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަން ނެޝަނަލް ގެލަރީގައި ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އޮތް ކުލަގަދަ ހަފްލާގައި މި އެވޯޑާ ހަވާލުވެވަޑައިގަތީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝިޢުރީއެވެ. ލަންޑަންގައި ކުރިއަށްދިޔަ ވޯލްޑް ޓްރެވަލް މާޓް 2025ގެ ހަވާސާގައި ކުރިއަށްދިޔަ މި އެވޯޑް ހަފްލާގައި ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަޤުބޫލު މަންޒިލްތަކަށް 22 ކެޓަގަރީއަކުން އެވޯޑު ދެވުނެވެ.

ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ 4.8 މިލިޔަން ވޯޓާއެކު މިއަހަރުގެ އެވޯޑުގައި ރާއްޖެ ހޯދި ކާމިޔާބީ އަކީ ވިލާތާއި މުޅި ދުނިޔޭގައިވެސް ރާއްޖެއަށް އޮތް މަޤުބޫލުކަން ރަމްޒުކޮށްދޭ ހެއްކެއް ކަމަށެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ ވިދާޅުވީ މި ޝަރަފަކީ އިނގިރޭސި ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއަށް ދެވިފައިވާ ހާއްސަކަން ދެމިހުރިކަމުގެ ރަމްޒެއްކަމަށެވެ.

"މިއީ ސީދާ ކިޔުންތެރިންނާއި ފަތުރުވެރިންގެ ވޯޓުން ދޭ އެވޯޑެއްކަމުން ވިލާތުގައި އަދިވެސް ރާއްޖެއަށް އޮތް ލޯތްބާއި މަޤުބޫލުކަން ވަރަށް ބޮޑަށްވެސް ހާމަވެގެން ހިނގައްޖެ" ޝިޢުރީ ވިދާޅުވިއެވެ.

މިހާރު 24ވަނަ ބާބު ގުނަމުންދާ ވޮންޑަރލަޓް ރީޑަރ ޓްރެވަލް އެވޯޑަކީ ފަތުރުވެރިކަމުގެ މައިދާނުގައި ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ތެރެއިން އެއް އެވޯޑެވެ. މިއަހަރުގެ އެވޯޑުގައި ރާއްޖެ ވާދަކުރީ ގަލަޕެގޮސް އައިލަންޑްސް، ބަހާމާސް، ޓެސްމޭނިއާ، ބަރމިއުޑަރ ފަދަ މަޝްހޫރު މަންޒިލްތަކާއެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ޤައުމެކެވެ. އެގޮތުން މިހާރު ރާއްޖެއަށް ތިން ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އެޤައުމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ރާއްޖެއަށް ވަނީ 166,506 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.