ބޭންކް އޮފް މޯލްޑިވްސް އިން މިރޭ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޑޮލަރު އޭޓިއެމްއަކާއި ޑޮލަރު ދޫކުރާ ކައުންޓަރެއް ގާއިމުކޮށް، ދަތުރުވެރިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
މި ޚިދުމަތްތައް ފައްޓަވައިދެއްވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެތާކުންވެސް ބޭންކުގެ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ކަމަށެވެ.
"ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ކައުންޓަރާއިއެކު ޑޮލަރު އޭޓީއެމްވެސް ގާއިމުކުރެވުމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެތާކުންވެސް ބޭންކުގެ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން." ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތެއް ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ފޯރުކޮށްދެމުންނެވެ.