ޚަބަރު

ހަނިމާދޫ އެއަރޕޯޓާއެކު ބޮޑު ތިލަދުންމަތީގެ އިޤްތިޞާދަށް ދިރުމެއް ލިބިގެންދާނެ: ޝަރީފް


  • އުތުރުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ވިދާޅުވި

  • އެއަރޕޯޓުގެ %72 މަސައްކަތް ނިންމާފައިވަނީ މި ސަރުކާރުންކަމަށް ވިދާޅުވި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު އެރަށުގެ އިތުރުން ބޮޑު ތިލަދުންމަތީގެ އިޤްތިޞާދަށާއި، އެ ސަރަހައްދުގެ ފަތުުރުވެރިކަން ވަރަށް ބޮޑަށް ފުޅާވެގެންދާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، މި އެއަރޕޯޓަކީ ބޮޑު ތިލަދުންމަތީގެ އިޤްތިސާދަށް އައު ދިރުމެއް ގެނެސްދޭނެ ތަނެއްކަމަށެވެ. އަދި މި އެއަރޕޯޓް ރަސްމީކޮށް ހުޅުވާލުމާއެކު، އުތުރުގެ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، މި މަޝްރޫޢަކީ ބޮޑު ތިލަދުންމަތީގެ ތަޅުދަނޑިކަމަށާއި، މި އެއަރޕޯޓުގެ ސަބަބުން މުޅި މި ސަރަހައްދަށް ގިނަ ފައިދާތަކެއް ކުރާނެކަމަށެވެ.

"މުޅި ބޮޑު ތިލަދުންމަތި ހޭލައިފި. ބޮޑު ތިލަދުންމަތި ހޭލައިގަތީ ވައިގެ ބަނދަރެއްގެ ސިފައިގައި ފެންނަން މި އޮތް އިޤްތިސާދީ ބޮޑު މަސައްކަތުގެ ފަހަތަށް އުފަންވެގެން އަންނާނެ ވަޒީފާގެ އެތައް ފުރުސަތުތަކާ. ބޭރު ފައިސާ ލިބޭނެ މަޝްރޫއެއްކަން. އެއީ މުޅި ބޮޑު ތިލަދުންމަތި ދިއްލާލި ބޮޑު ދަންމަރެއް. އެއީ ކާބަފައިން އަޅުގަނޑުމެންނަށް ވީ ވަޢުދު. އެއީ މުސްތަޤްބަލަށް ހުޅުވިގެން ދިޔަ ދޮރެއް. އެންމެ ޚާއްސަކޮށް އެއީ މީގެ އެތައް ސަތޭކަ އަހަރު ކުރިން ވެސް މި ބޮޑު ތިލަދުންމަތި ދެކުން ގަދީމީ ހުވަފެން،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މި ސަރުކާރު ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު، ހަނިމާދޫ އެއަރޕޯޓު މަޝްރޫޢުގެ ގާތްގަނޑަކަށް 28 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މަސައްކަތް ނިމިފައިހުރި ކަމަށެވެ. އަދި ބާކީހުރި 82 އިންސައްތަ މަސައްކަތް ނިންމާފައިވަނީ މި ސަރުކާރުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ހަވާލުވީއިރު ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތެއް ނުއެއް ނިމޭ. ކާގޯ ޓަރމިނަލްގެ މަސައްކަތެއް ނުއެއް ނިމޭ. ޖެޓީއެއް ނުނިމޭ. ފަޔަރ ސްޓޭޝަނެއް ނުއެއް ނިމޭ. އިންޖީނުގެޔެއް ނުނިމޭ. މި ހުރިހާ ކަމެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރުމަށް ބާރު އަޅުއްވާދެއްްވާ އަދި އެހީތެރިވެ ދެއްވީތީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަރަށް ބޮޑަށް ޝުކުރު ދަންނަނަވަން." ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން، ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް މިހާ ފުރިހަމަކޮށް ނިންމުމަށް އެހީތެރިވެ ވަޑައިގަތުމަށްޓަކައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބަށާއި އެމަނިކުފާނުގެ ޓީމަށްވެސް ވަނީ އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.