ޚަބަރު

ޔުނިވަރސިޓީއެއްގެ ދަރަޖަ ދެވޭ މުއްދަތު ކުރުކުރަން ގެނައި އިސްލާހުގެ ބިލު ތަސްދީގުކުރައްވައިފި


  • ކުރިން ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ ކޮލެޖެއްގެ ގޮތުގައި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވެފައިވާ ތަންތަން

  • ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމުގައި ހުންނަން ޖެހޭ ޝަރުތުތައް ތަފްސީލުކޮށް ވަނީ ބަޔާންކޮށްފައި

ކޮލެޖު ހިންގާތާ 15 އަހަރުވުމުން ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބޭގޮތަށް ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.

މިއީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ހަފަތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާގައެވެ.

ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ މަތީ ތަޢުލީމުގެ ދޮރު މިހާރަށްވުރެ ބޮޑަށް ހުޅުވާލައި ވާސީލަތްތަކާއި ޤާބިލުކަން ހުރިފަރާތްތަކަށް ރާއްޖޭގައި ޔުނިވަރސިޓީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ. މިހާރު ރާއްޖޭގައި ޔުނިވަރސިޓީގެ ގޮތުގައި ހިންގަމުންދަނީ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްއެވެ.

ޤާނޫނުގައި ކުރިން އޮތްގޮތުން ރާއްޖޭގައި ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ ކޮލެޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއްނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވެފައިވާ ތަންތަނެވެ. ރާއްޖޭން ބޭރު ޤައުމެއްގައި އެ ޤައުމުގެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ ތަންތަނަށްވެސް މި ޤާނޫނުގެ ދަށުން ޔުނިވަރސިޓީގެ ގޮތުގައި ރަޖިސްޓްރީކުރެވެއެވެ. ޤާނޫނަށް ގެނައި އިސްލާހުގައި ވަނީ 20 އަހަރުގެ މުއްދަތު 15 އަހަރަށް ދަށް ކުރުމަށެވެ.

ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު އެ ކޮލެޖެއްގައި ހުންނަންޖެހޭ ޝަރުތުތައް ތަފްސީލުކޮށް ޤާނޫނަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު އެ ކޮލެޖެއްގައި ހުންނަންޖެހޭ ޝަރުތުތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އަދި 9 ގެ، މަދުވެގެން 3 (ތިނެއް) ދާއިރާއަކުން އެ ކޮލެޖެއްގެ އަމިއްލަ ޕްރޮގްރާމްތައް ނުވަތަ ބޭރުގެ ޔުނިވަރސިޓީއެއްގެ ޕްރޮގްރާމްތައް ހިންގަމުން ގެންދިޔުން؛
  • އެ ކޮލެޖެއްގައި ހިންގާ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އިން ފެށިގެން މަތީގެ ކޯސްތަކުގައި މަދުވެގެން 1000 ދަރިވަރުން ކިޔަވަމުން ގެންދިޔުން.
  • ބައިނަލްއަޤްވާމީ ޔުނިވަރސިޓީ ރޭޓިންގއެއް ނުވަތަ ރޭންކިންގއެއްގައި ބައިވެރިވެ ރޭޓުކުރެވި ނުވަތަ ރޭންކުކުރެވިފައިވާ ކޮލެޖަކަށްވުން؛
  • ބައިނަލްއަޤްވާމީ ޔުވަނިވަރސިޓީތައް ބައިވެރިވާ ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައާއި، ބައިނަލްއަޤްވާމީ ކޮލިޓީ އެޝުއަރަންސް ޖަމާޢަތެއްގެ މެންބަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރުދުވަސް ހޭދަކޮށްފައިވުން؛
  • ބައިނަލްއަޤްވާމީ ފެންވަރުގެ ރިސަރޗް މަސައްކަތްތައް، ބޭރުގެ ޔުނިވަރސިޓީތަކާއި، ޖަމާޢަތްތަކާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވުން؛
  • އެ ކޮލެޖެއްގެ އެކަޑެމިކް ޕްރޮގްރާމްތަކުގައި ކިޔަވައިދޭ އެކަޑެމިކް މުވައްޒަފުންގެ މަދުވެގެން %10އަކީ ޕީއެޗްޑީ ހާސިލުކޮށްފައިވާ މުވައްޒަފުންނަށްވުން؛
  • އެ ކޮލެޖެއްގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، ޔުނިވަރސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ޤާއިމުކުރެވިފައިވުން،

މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު، ބިލު ޤާނޫނަކަށްވެ މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.