މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މި ހަވީރު އޮންނާނީ މިމަހުގެ 20، 21 އަދި 22 ވަަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
"ޖުމްހޫރީ ހަވީރު"އާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ޤައުމިއްޔަތު ކޮލެޖުގެ ތާރީޚާ ބެހޭ އިސްވާރު އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު ވިދާޅުވީ މިއަހަރު ފާހަގަކުރާ 57 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޚާއްސަ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ހަވީރުގައި ރާއްޖެ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން އައި ގޮތުގެ މަޢުލޫމާތު ހިއްސާކުރެވޭނެކަމަށް ޝާކިރު ވިދާޅުވިއެވެ.
ޝާކިރު ވިދާޅުވީ މި ހަވީރުގައި އިހުޒަމާނުގެ ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު އަދުގެ ކުޑަކުދިންނަށް ލިބޭނެ ކަމަށެވެ. އަދި ކުރީގެ ރަސްރަސްކަލުންގެ ހެދުންކޮޅާ އެއްގޮތަށް ތައްޔާރުކޮށްފައި ހުރި ކޮސްޓިއުމާއެކު ފޮޓޯ ނެގުމާއި ރަސްރަސްކަލުގެ ތަޚުތުތަކުގެ ނަކަލުތައްވެސް ތައްޔާރުކޮށްފައި ހުންނާނެކަމަށް ޝާކިރު ވިދާޅުވިއެވެ.
"މިސާލަކަށް ބޭނުންވީ މުޙައްމަދު އަމީން ފުރަތަަމަ ޖުމްހޫރިއްޔާގެ ރައީސްކަމުގެ ހުވާކުރެއްވި ދުވަހު ތުރުކުރައްވައިގެން ހުރި ހެދުންކޮޅު ލައިގެން ފޮޓޯއެއް ނަގަން. އެ ފުރުޞަތުވެސް އޮންނާނެ." ޝާކިރު ވިދާޅުވިއެވެ.
ޖުމްހޫރީ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ދިވެހި ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ވެރިކަން ފެށުނު ދުވަހާ ދިމާކޮށެވެ. އެއީ ފުރަތަމަ ޖުމްހޫރިއްޔާގެ ވެރިކަން ނިމި، އަނެއްކާވެސް ރަސްކަމަކަށް ބަދަލުވެ، 14 އަހަރަށްފަހު އެރަސްކަން ނިމި އަނެއްކާވެސް ރާއްޖެ ޖުމްހޫރީ ނިޒާމަކަށް ބަދަލުވި ދުވަސް ކަމަށްވާ 1968 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ޖުމްހޫރީ ދުވަސްކަމަށްވާ މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 8:30ގައި ޒުވާނުންގެ މަރުކަޒުގައެވެ. އަދި އެ ދުވަހު ހަވީރު ކެނޑޭޓް ކުދިންގެ ޕެރޭޑެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.