އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޮލްވްސް އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ޗެލްސީ ކާމިޔާބުކޮށް ތާވަލުގެ ދެވަނަ މަގާމް ހޯދައިފި އެވެ.
މި މެޗުން ޗެލްސީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 11 މެޗުން 20 ޕޮއިންޓާއެކު ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 26 ޕޮއިންޓެވެ. ނަމަވެސް ތިންވަނައިގައި އޮތް މެންޗެސްޓަރ ސިޓީ މިއަދު ކުޅޭ މެޗުން އެ ޓީމު މޮޅުވެ ނުވަތަ އެއްވަރުވެއްޖެނަމަ އެ ޓީމަށް ދެވަނަ މަގާމް ލިބިގެންދާނެ އެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖުގައި 39 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ޗެލްސީ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ އެ ޓީމުން ވަނީ ވޮލްވްސްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީ އަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު ފުރަތަމަ ހާފުގެ ކުޅުން ނިމުމާއިއެކު ޗެލްސީގެ ސަޕޯޓަރުން ވަނީ އެ ޓީމަށް މާލާމާތްކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި އަލެހަންދްރޯ ގަރްނާޗޯ ދިން ޕާހަކުން މާލޯ ގަސްޓޯ ވަނީ ލަނޑެއް ޖަހާ ޗެލްސީ އަށް ކުރި ހޯދަދީފަ އެވެ. މިއީ އޭނާ ޗެލްސީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ވޮލްވްސްގެ ކޯޗު މަގާމުން ވަކިކޮށްފައިވާތީ ވަގުތީ ގޮތުން އެ ޓީމުގެ ކޯޗުކަން ހަވާލުކޮށްފައިވާ އެކަޑެމީގެ ކޯޗު ޖޭމްސް ކޮލިންސްގެ އިރުޝާދުގެ ދަށުން ވޮލްވްސް ކުޅުނު މި މެޗުގައި އެ ޓީމުގެ ކޮޅަށް ޗެލްސީ އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 65 ވަނަ މިނިޓުގައި ޖޮއާއޯ ޕެޑްރޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އަދި މެޗުގެ 73 ވަނަ މިނިޓުގައި ގަރްނާޗޯގެ އިތުރު އެސިސްޓަކުން ޕެޑްރޯ ނެޓޯ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ.