ޚަބަރު

ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް ޤައުމީ ފެންވަރުގެ ކެމްޕެއިނެއް


  • ދުޅަހެޔޮ ނޫން އާދަތަކަށް މީހުން ހޭލުންތެރިކުރުވުމަށް ހަރަކާތްތައް ހިންގާނެ

  • ގައިންގަޔަށް ނާރާ ބަލިތައް ޖެހޭ ނިސްބަތް ރާއްޖޭގައި އިތުރު

ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ބޮޑު ކެމްޕެއިނެއް ފަށަން ތައްޔާރުވެއްޖެއެވެ. މި ކެމްޕެއިން ލޯންޗްކުރުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.

"ދުޅަހެޔޮ ދިރިއުޅުން، އުފާވެރި މުޖުތަމަޢު" ކެމްޕެއިން ކުރިއަށްގެންދަނީ ޞިއްޙީ ވުޒާރާއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި މުއައްސަސާތައް ގުޅިގެންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތް ކޯޑިނޭޓަރ އަބްދުﷲ މުއާޒު އާދަމް ވިދާޅުވީ، މި ކެމްޕެއިނަކީ ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއިންބުއިމުގެ އާދަތަކުގެ ސަބަބުން މުޖްތަމައުގައި އަށަގަނެފައިވާ ގައިންގަޔަށް ނާރާ ބަލިތަކުން މުޖްތަމައު ރައްކާތެރިކުރުމަށްޓަކައި ޤައުމީ ފެންވަރުގައި ހުރިހައި މުއައްސަސާތަކުން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކެމްޕެއިނެއްކަމަށެވެ.

"މި ކެމްޕެއިންގެ މައިގަނޑު މަޤްސަދަކީވެސް އަސްލުގައި ގައިންގަޔަށް ނާރާ ބަލިތަކުން މީހުން ރައްކާތެރިކުރުވުމަށް އަޅުގަނޑުމެންގެ މުޖްތަމައުގައި އަށަގަނެފައިވާ ހިރާސްތަކުން ރައްޔިތުން ސަލާމަތްވުމަށްޓަކައި ކުރެވިދާނެ ކަންތައްތައް ރަށު ފެންވަރުގައި ކޮށްގެން މިކަމުން މި އަރައިގަނެވެނީ. އެހެންވީމަ އެކަމަށް އަމާޒުކޮށްގެން ރަށު ފެންވަރުގައި ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ރަށު ލެވެލްގައި ޕްލޭންތަކެއް އެކުލަވާލެވިގެން ހަމަ ވަރަށް ސްޓްރެޓެޖިކަލީ އަޅުގަނޑުމެން މި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ކުރެވިދާނެ ކަންތައްތައް ރައްޔިތުންނާއި ގުޅިގެން ހުރިހައި މުއައްސަސާތަކާއި ގުޅިގެން ކުރިއަށްގެންދިއުމަށް އެކަށައެޅިފައިވާ ޕްރޮގްރާމެއް މިއީ." މުއާޒް ވިދާޅުވިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްވެސް އަނެއް ރަށާއި ތަފާތު ޚާއްސަ ކަންތައްތަކެއް ހުންނަކަމަށެވެ. އެހެންކަމުން ކެމްޕެއިންގެ ހަރަކާތްތައް ރާވާލާއިރު މިކަންކަމަށް ސަމާލުކަން ދޭނެކަމަށެވެ. މި ކެމްޕެއިންގެ އަމާޒަކީ މުޖްތަމައުގެ ތެރޭގައި ދުޅަހެޔޮ އާދަކާދަތައް ދެމެހެއްޓޭނެކަހަލަ ގޮތަކަށް މަސައްކަތްތައް ކުރިއަށްގެންދިއުންކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މި ކެމްޕެއިންގެ ތެރެއިން ދުޅަހެޔޮ ދިރިއުޅުމެއް ބިނާކުރުމަށް ވަކިވަކި އުމުރުފުރާއަށް ޚާއްސަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ކުޑަކުދިން، ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.