19 އަހަރުންދަށުގެ ގައުމީ ކުރިކެޓު ޓީމު ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މިއަދު ލަންކާއަށް ފުރައިފިއެވެ.
މިދަތުރަކީ މިމަހުގެ 19 އިން 30 އަށް ޔުނައިޓެޑް އެރެބް އެމިރޭޓްސްގަ ބޭއްވުމަށް ހަމަޖެހިފައިވާ 19 އަހަރުންދަށުގެ މެންސް އޭސީސީ ޕްރިމިއަރ ކަޕުގައި ރާއްޖޭގެ ޓީމުން ވާދަކުރުމުގެ ކުރުމުގެ ކުރިން ލަންކާއަށް ކުރި ތަޖުރިބާ ހޯދުމުގެ ދަތުރެކެވެ. މިދަތުރުގެ ތެރެއިން ރާއްޖޭގެ ޓީމާއި ލަންކާގެ ޓީމުތަކާ ދެމެދު ތިން މެޗެއް ކުޅުމަށްވަނީ ހަމަޖެހިފަވާއިރު، ހަތަރު ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއްވެސް މިދަތުރުގެ ތެރެއިން ކުރިއަށް ގެންދިއުމަށްވަނީ ރާވާފައެވެ.
19 އަހަރުންދަށުގެ ގައުމީ ކުރިކެޓު ޓީމަށް ހޮވުނު ކުޅުންތެރިންނާ ޖާރޒީ ހަވާލުކޮށްފަވަނީ މިދިޔަ ހުކުރުދުވަހުގެ ރެއެވެ. ސޯލްޓް ރެސްޓޯރެންޓުގަ ކުރިއަށް ދިޔަ މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ 19 އަހަރުންދަށުގެ ގައުމީ ކުރިކެޓް ޓީމާ ޖާރޒީ ހަވާލުކޮށްދެއްވީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ރިޒްވީ ހަސަންއެވެ. މިރަސްމިއްޔާތުގައި ގައުމީ ކުރިކެޓު ޓީމުގެ ކެޕްޓަން މަބްސަރު ޢަބްދުﷲ އަދި ވައިސް ކެޕްޓަން މުހަންމަދު މިއުވާންގެ ޖާރޒީ ހަވާލުކޮށްދެއްވާފަވަނީ ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހަންމަދު ފައިސަލްއެވެ.
މިރަސްމިއްޔާތުގައި ސީބީއެމްގެ އިސްވެރިންގެ އިތުރުން ޓީމުގެ ޖާރޒީ ސްޕޮންސަރކުރި އިސްލާމިކް ބޭންކުގެ ފަރާތުން އެކުންފުނީގެ މާރކެޓިންގެ އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަންސް ގެ ހެޑް ނީރައިން ޖަލީލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިމުބާރާތަށްދާ ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނެނީ 14 ކުޅުންތެރިންނާއި 3 އޮފިޝަލުންނެވެ. 19 އަހަރުންދަށުގެ މެންސް އޭސީސީ ޕްރިމިއަރ ކަޕު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 އިން 30 އަށް ޔުނައިޓެޑް އެރެބް އެމިރޭޓްސްގައެވެ.
ގައުމީ ކުރިކެޓް ޓީމު ލަންކާ ދަތުރަށްފަހު މުބާރާތް ބާއްވާ ގައުމުކަމަށްވާ ޔޫއޭއީއަށް ފުރާނީ މިމަހުގެ 19 ވަނަ ދުވަހު ލަންކާއިންނެވެ. އަދި މުބާރާތަށްފަހު މިޓީމު ރާއްޖެ އައުމަށް ހަމަޖެހިފަވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.