ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި ކުރިއަށްދިޔަ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު، ޔޫޕީއާރްގެ 4 ވަނަ ސައިކަލްގައި ރާއްޖެއިން ބައިވެރިވެ، ރިވިއު ސެޝަން ނިންމާލައިފިއެވެ.
މި ސެޝަންގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ދިވެހިރާއްޖެއިން ހާސިލްކޮށްފައިވާ ކާމިޔާބީއާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ރާއްޖޭގައި މަދަނީ އަދި ސިޔާސީ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އިތުރުން ޤާނޫނު ތަންފީޛުކުރުން ހަރުދަނާކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާއި، މުޖުތަމަޢުގެ ޚާއްޞަ އަޅާލުމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ބާރުވެރިކޮށް، އެފަރާތްތައް ރައްކާތެރިކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ބަންޑާރަ ނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވަނީ ވާހަކަދައްކަވާފައެވެ.
ރާއްޖޭގެ ރިވިއު ސެޝަންގައި 104 ޤައުމަކުން ބައިވެރިވެފައެވެ. ފާއިތުވި ސައިކަލްގައި ދިވެހިރާއްޖެއަށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް ތަންފީޛުކުރުމަށްޓަކައި ރާއްޖެއިން ކޮށްފައިވާ މަސައްކަތް ބަލައިގަންނަކަން މިސެޝަނުގައި ބައިވެރިވި އެހެން ޤައުމުތަކުން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގެ ރިވިއު ސެޝަންގައި ބައިވެރި ޤައުމުތަކުން ކުރިއަށް އޮތް ސައިކަލްގައި ރާއްޖެ ތަންފީޛުކުރުމަށް ރެކޮމެންޑޭޝަންތައް ހުށަހަޅާފައިވެއެވެ. އެގޮތުން، އަންހެނުން ބާރުވެރިކޮށް، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމުގެ އިތުރުން، ޞިއްޙީ ދުޅަހެޔޮކަން ހަރުދަނާ ކުރުމަށް ރެކޮމެންޑޭަޝަންތައް ހުށަހަޅާފައިވެއެވެ.
މީގެއިތުރުން، ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގައި އެންމެންގެ ބައިވެރިވުން ޔަޤީންކުރުމަށްޓަކައި ރާއްޖެއިން މިހާރުވެސް ކުރަމުންދާ މަސައްކަތްތައް އެގޮތުގައި ކުރިޔަށްގެންދިޔުމަށް ވަނީ ހުށަހަޅާފައެވެ. މި ރެކޮމެންޑޭޝަންތަކުގެ ތެރެއިން، ދިވެހިރާއްޖެއިން ތަންފީޛުކުރަންޖެހޭނީ، ދިވެހިރާއްޖެއިން ޤަބޫލުކުރާ ރެކޮމެންޑޭޝަންތަކެވެ.
ޤައުމުތަކުން ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް ބަލައިގަތުމާގުޅޭގޮތުން ގޮތެއް ނިންމުމަށް އަންނަ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ފުރުސަތު ލިބިގެންދާނެކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ.
ޔޫ.ޕީ.އާރު. އަކީ، އ.ދ. ގެ މެންބަރު ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ރައްކާތެރި ކުރެވެމުންދާ މިންވަރާއި، އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާތައް ތަންފީޛުކުރެވެމުންދާ މިންވަރު ވަޒަންކުރުމަށްޓަކައި، ކޮންމެ ހަތަރު އަހަރުން އެއް އަހަރު ކުރިއަށްގެންދާ ރިވިއު ޕްރޮސެސްއެކެވެ.