'ވަރަ' އެކްސްޕޯގައި ސައުދީ އަރަބިއްޔާއިން ބައިވެރިވުން ރަމްޒުކޮށްދެނީ 2 ގައުމުގެ ގުޅުމުގެ ވަރުގަދަކަންކަމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ވަރަ އެކްސްޕޯގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ ވިދާޅުވީ، މި އިވެންޓަކީ ވަރަށް ކާމިޔާބު އިވެންޓެއްކަމަށާއި ވަރަ އެކްސްޕޯގައި ސައުދީ އަރަބިއްޔާގެ ބައިވެރިވުން ރަމްޒުކޮށްދެނީ ސައުދީ އަރަބިއްޔާއާއި ރާއްޖެއާއި ދެމެދު އޮންނަ ގާތް ގުޅުންކަމަށެވެ.
ސަފީރު ވިދާޅުވީ 2 ގައުމުގެ މެދުގައި އޮތް ޒަމާންވީ ގާތްގުޅުމުގެ ތެރެއިން ސައުދީން ރާއްޖެއަށް ސްކޮލަރޝިޕްގެ ފުރުސަތުތައް ފަހިކޮށްދެމުންދާކަމަށާއި ސައުދީ އަރަބިއްޔާއިން މި އެކްސްޕޯގައި ބައިވެރިވެ އިސްކަންދޭނީ ތައުލީމުގެ ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކުރުމަށްކަމަށެވެ.
"ކޮންމެ އަހަރަކުވެސް ސައުދީން ދަނީ ދިވެހިންނަށް މަތީ ތައުލީމު ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި 350 ސްކޮލަރޝިޕްގެ ފުރުސަތުތައް ފަހިކޮށްދެމުން. މި އެކްސްޕޯއަކީ ވަރަށް މުހިންމު އަދި އިންސްޕަޔަރިން އިވެންޓެއް." ސަފީރު ވިދާޅުވިއެވެ.
ސަފީރު ވަނީ އެކްސްޕޯއަށް އަންނަ ހުރިހާ ފަރާތްތަަކަށް ސައުދީ އަރަބިއްޔާގެ ސްޓޯލްއަށް އައުމަށް ދައުވަތުދެއްވާފައެވެ. ސައުދީގައި ހުރި ތައުލީމާ، ސްކޮލަރޝިޕްގެ ފުރުސަތުތަކުގެ އިތުރުން ސައުދީ ސްޓޯލުން ފަތުރުވެރިކަމާއި، އިނޮވޭޝަންއާއި "ވިޒިޓް ސައުދީ ޕްރޮގްރާމް"ގެ ފީތަކާއި މައުލޫމާތުވެސް ލިބިގެންދާނެއެވެ. އަދި މައްކާ ރޯޑް އިނިޝިއޭޓިވްއާއި ގުޅޭ މައުލޫމާތުތައްވެސް ވަރަ އެކްސްޕޯގައި ހުންނަ ސައުދީ އަރަބިއްޔާގެ ސްޓޭންޑުން ލިބިގެންދާނެއެވެ.
ވަރަ އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 6 އިން 8 އަށް ސެންޓްރަލް ޕާކުގައެވެ. މި އެކްސްޕޯގެ މައިގަނޑު އަމާޒަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ތައުލީމު ހޯދަން ބޭނުންވާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އަދި ފަންނީ ތަމްރީނު ދޭ މަރުކަޒުތައް އެއް މަންސައަކަށް ގެނައުމެވެ.