އުޑުމަތިން ރޭގަނޑު ހަނދު ފެންނައިރު އާއްމުކޮށް ނުފެންނަވަރަށްވުރެ ބޮޑުކޮށް ހަނދު ފެންނަ ފަހަރު އާދެއެވެ. އާއްމުކޮށް ފެންނަވަރަށްވުރެ ބޮޑުކޮށް ހަނދު ފެންނަ ސަބަބަކީ ދުނިޔެ ވަަށައިގެން ހަނދު ދަތުރުކުރާ އޯބިޓުގައި ހިމެނޭ ދުނިޔެއާ އެންމެ ކައިރި ޕޮއިންޓުކަމަށްވާ "ޕެރިޖީ"އަށް ހަނދު އެރުމެވެ. ޕެރިޖީގައި ހަނދު ހުންނައިރު ދުނިޔެއަށް ހަނދު ފެންނަ ސައިޒު ބޮޑުވުމުގެ އިތުރުން، އޭގެ އަލިވެސް އާއްމުކޮށް ފެންނަ ވަރަށްވުރެ ގަދަވާނެއެވެ. އަދި މިފަދަ ހާލަތްތަކުގައި ފަޅި ހަނދެއްގެ ބަދަލުގައި ފުރިހަމަ ހަނދަކާއި ދިމާވާނަމަ، ކިޔާ އުޅެނީ "ސުޕަރމޫން"އެވެ.
ކޮންމެ އަހަރަކުވެސް އެތައް ސުޕަރމޫންއެއް ދުނިޔެއަށް ފެނެއެވެ. މިއަހަރުވެސް 3 ސުޕަރމޫންއެއް ފެންނާނެކަމަށް ފަލަކީ އިލްމުވެރިން ބުނާއިރު، ފުރަތަމަ ސުޕަރމޫން ފެނުނީ މިދިޔަ އޮކްޓޫބަރުމަހުގެ 7 ވަނަ ދުވަހުއެވެ. މިއަހަރުގެ އެންމެ ފަހު ސުޕަރމޫން ފެންނާނީ އަންނަ ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް އޭގެކުރިން މާދަމާރޭ، ނޮވެމްބަރު 5 ވަނަ ދުވަހުގެރޭވެސް ދުނިޔެއަށް އާދަޔާ ހިލާފަށްބޮޑު ސުޕަރމޫންއެއް ފެންނާނެއެވެ.
ފަލަކީ އިލްމުވެރިން ބުނާގޮތުން މާދަމާރޭ ފެންނަ ސުޕަރމޫންއަކީ މިދިޔަ 6 އަހަރު ތެރޭގައިވެސް ފެންނާނެ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ހަނދެވެ. މިއީ 2019 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 19 ވަަނަ ދުވަހު ފެނުނު ސުޕަރމޫންއަށްފަހު ދުނިޔެއާ އެންމެ ކައިރިން ފެންނާނެ ސުޕަރމޫންއެވެ. މާދަމާރޭ ހަނދު ފެންނައިރު ހުންނާނީ އާއްމުކޮށް ފެންނަވަރަށްވުރެ 14 ގުނަ ބޮޑުކޮށް، އަދި 30 ގުނަ އަލިގަދަކޮށެވެ.
ފަލަކީ އިލްމުވެރިން ބުނާގޮތުން ނޮވެމްބަރު 4، 5 އަދި 6 ވަނަދުވަހުގެރޭވެސް ފެންނަ ހަނދު އާދަޔާ ހިލާފަށް ބޮޑުވެފައި، އަލިގަދަވާނެއެވެ. ނަމަވެސް އޭގެތެރެއިން އެންމެ ރީތިވާނީ ނޮވެމްބަރު 5 ވަނަ ދުވަހުގެރޭ ހަނދުކަމަށްވެސް ޚަބަރުތައް ބުނެއެވެ.
މާދަމާރޭ ފެންނަ ސުޕަރމޫންއަށްފަހު މިފަދަ ރީތި ހަނދެއް ދެން ފެންނާނީ އަންނަމަހުގެ 4 ވަނަ ދުވަހުގެރެއެވެ. އަދި ކުރިއަށް އޮތް 2026 ވަނަ އަހަރުވެސް 3 ސުޕަރމޫންއެއް ފެންނާނެއެވެ. އަންނަ އަހަރު ފެންނަ ސުޕަރމޫންގެ ތެރެއިން ޑިސެމްބަރުމަހުގެ 24 ވަނަ ދުވަހުގެރޭ ފެންނާނެ ސުޕަރމޫންއަކީ މާދަމާރޭ ފެންނަ ސުޕަރމޫންއަށްވުރެވެސް ބޮޑު، އަދި އަލިގަދަވާނެ ހަނދެއްކަމަށް ފަލަކީ އިލްމުވެރިން ބުނެެއެވެ.