މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ހިމެނޭ އިތުރު މަގުތަކެއް ބަންދުކޮށްފިއެވެ. 
ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. އެ މަސައްކަތް ކުރިއަށްދަނީ ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކޭޓާއި ހަމައަށެވެ.
ފުލުހުން ވިދާޅުވީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެ ސަރަހައްދުގެ ބައެއް މަގުތައް އާންމު ޓްރެފިކަށް މިހާރު ބަންދުކޮށްފައިވާކަމަށެވެ. އެގޮތުން ބަންދުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގު ޝަހީދު މުޙައްމަދު ހުސައިން ހިނގުމުން ހުސޭނީ ގޯޅިއާ ހަމައަށް،  މުހައްމަދު އިސްމާއިލް ގޯޅީގެ ބަޔަކާއި،  ކަނޑިދޮންމަކިނު ގޯޅީގެ ބައެއް އަދި ޗާންދަނީ މަގުން އިބްރާހިމް ހަސަން ދީދީ މަގާއި ހަމައަށެވެ. 
		
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދު މިރޭގެ 08:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ވާހަކަ ދަންނަވަން. pic.twitter.com/EZuTBt4NyX
— Maldives Police (@PoliceMv) November 3, 2025
			ފުލުހުން އާންމުކޮށްފައިވާ ޗާޓުން ދައްކާގޮތުން ޖުމްހޫރީ ހިނގުން، އަމީރު އަހްމަދު މަގާއި ހަމައަށް ވަނީ ބަންދުކޮށްފައެވެ. 
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް ޖުމްލަ 830 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 737 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭގޮތަށެވެ. ފުރަތަމަ ސެގްމަންޓްގައި މަގު ފުޅާކުރުމަށް ބައެއް ވަނީ ހިއްކާފައެވެ.
މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.