ޚަބަރު

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހާލު ސީރިއަސްވެ ފަރުވާދެމުންދިޔަ އަފްލާޙް ނިޔާވެއްޖެ


  • ނިޔާވީ އެމްޕީއެލްގެ މުވައްޒަފެއް

އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ފަރުވާދެމުންދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާޙް އަބްދުﷲއެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އަލީ އަފްލާހު ނިޔާވިއިރު އުމުރަކީ 25 އަހަރެވެ. އޭނާގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު ކުރުމަށް ވަނީ ނިންމާފައެވެ.

އިއްޔެ ހިނގި މި ހާދިސާގައި ބިދޭސީއަކުވެސް ވަނީ ނިޔާވެފައެވެ. އެގޮތުން މިހާދިސާގައި ނިޔާވެފައި ވަނީ ކޮޅުވެއްޓީގައި ތިބި 14 މީހުންގެ ތެރެއިން ހާލު ސީރިއަސްވެ ފަރުވާދެމުންދިޔަ، އުމުރުން 32 އަހަރުގެ ބަންގްލެދޭޝަށް ނިސްބަތްވާ މަސްޢޫދު ޙޮސައިނެވެ.

އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި 4 ދިވެހިންނާއި 2 ބިދޭސީއަކަށް ފަރުވާ ދިނެވެ.

އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ މެންދުރު 15:44 އެހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މިހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވެ މީހުން ސަލާމަތްކުރަން މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ހާދިސާ ހިނގި އިރު، ބަންޑުންޖަހާލި ލޭންޑިންކްރާފްޓްގެ ތެރޭގައި މީހަކު ހުރި ކަމުގެ މަޢުލޫމާތު ލިބިގެން ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން، އެ މީހާ ވަނީ ނަގާފައެވެ. އަދި ކަނޑުވި އެހެންމީހުންވެސް ސަލާމަތްކުރިއެވެ.