ސިފައިން އެއް ޖަމާޢަތެއްގައި ކުރި ފަތިސްނަމާދާއެކު ނަޞްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް ފަށައިފިއެވެ.
އިސްލާމީ މަރުކަޒުގައި ކުރި ފަތިސް ނަމާދުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ ވަޒީރުންނާއި އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ސިފައިންނާއި އާންމުންވެސް ފަތިސް ނަމާދުގައި ބައިވެރިވެފައިވެއެވެ.
ނަޞްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގާޑް މައުންޓް ކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތަށްފަހު ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނެއެވެ. ރަސްމީ ޖަލްސާ އޮންނާނީ ހެނދުނު 9:00 ޖަހާއިރު، ޒުވާނުންގެ މަރުކަޒުގައެވެ.
		
										
			ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖުމްހޫރީ މައިދާނުގައި ހެވިކަމުގެ ހުނަރުތައް ދައްކާލުމުގެ ހަރަކާތެއްވެސް އޮންނާނެއެވެ. މިހަރަކާތުގައި ނިރުބަވެރި ހަމަލާއެއް ކުރިމަތިވުމުން އެކަން ނާކާމިޔާބުކޮށްލުމަށް ދިވެހި ސިފައިން ކުރާ މަސައްކަތް ދައްކުވައިދޭނެއެވެ.
މިއަހަރު ބާއްވާ ނަޞްރުގެ ދުވަހުގެ ޚާއްސަ މައުރަޒު އޮންނާނީ ގދ. ތިނަދޫ ސިޓީގައެވެ. 3 ނޮވެންބަރުގެ ޙަމަލާގައި އެންމެ ފުރަތަމަ ޝަހީދުވެވަޑައިގެންނެވި ސިފައިންގެ ބޭކަލެއްކަމުގައިވާ ޢަބްދުﷲ ޒުހައިރު ނިސްބަތްވެވަޑައިގަންނަވަނީ ތިނަދުއަށެވެ. މި މައުރަޒު އޮންނާނީ މިމަހުގެ 7 އަދި 8 ވަނަ ދުވަހުއެވެ.
ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަަނަ ދުވަހު ރާއްޖޭގެ މައްޗަށް އަތްގަދަކުރުމަށް ދިވެހި 7 ޚާއިންނުންނާއި ބޭރުގެ ނިރުބަވެރި ޖަމާޢަތަކާ ގުޅިގެން ދިން ކުއްލި ޢުދުވާނީ ޙަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަހެވެ. ދިވެހި ސިފައިންނާއި ދުޝްމަނުންގެ މެދުގައި ކުރެވުނު ހަނގުރާމައިގައި 19 ދިވެހިން ޝަހީދުވިއެވެ.