ޚަބަރު

ޑޮލަރު ފޭރުނު މައްސަލަ: ހައްޔަރުކުރި އެންމެންވެސް ޝަރީއަތް ނިމެންދެން ބަންދަށް


  • މި ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެރޭގައި

  • ކުށްކުރުމަށް ބޭނުންކުރި ލޯންޗު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް، ވީއައިއޭއިން ފައިސާހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގައި ހައްޔަރުކުރި އެންމެންވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ލ. މާވަށް، ރޭޝަމް، އުމުރުން 24 އަހަރުގެ މާޒިން މޫސާ އާއި މ. ކޯރަސް އަޙްމަދު އުމުރުން 20 އަހަރުގެ ރައިހާން ނަޢީމްއާއި ކ. ގުރައިދޫ، އަޅިވިލާގެ އުމުރުން 24 އަހަރުގެ އިބްރާހީމް އަނޫފްގެ އިތުރުން ހަމައެގޭ އުމުރުން 30 އަހަރުގެ ޙުސައިން ޝަހުދުއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގައި ބޭނުންކުރި ލޯންޗް ފުލުހުން ވަނީ ރިޕޯޓްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތަހުގީގު ހަލުވިކޮށް، ކުށްކުރުމަށް ބޭނުންކުރި ލޯންޗު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ފޭރިގަތް ސޫޓު ކޭހުގައި ހުރި ފައިސާގެ އަދަދު ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް، ފުރާމީހުންނަށް ބީއެމްއެލުން ދޫކުރާ ޑޮލަރުގެ އެ ސްޓޫކޭހުގައި 130،000 ޑޮލަރުހުއްޓެވެ.