ކުރިއަށް އޮތް 2 މަސް ދުވަހުގެ ތެރޭގައި 'މޭޑް އިން މޯލްޑިވްސް' ލޯގޯ ތަޢާރަފް ކުރައްވާ ރާއްޖޭގެ އުފެއްދުންތަކުގައި އެ ލޯގޯ ބޭނުންކުރަން ފަށްޓަވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
މި ލޯގޯ ތަޢާރަފް ކުރެއްވުމުގެ ތައްޔާރީތައް ކުރައްވަމުން ގެންދަވާއިރު، ލޯގޯ މާކެޓް ކުރުމަށް އިސްކަން ދެއްވައިގެން ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ޕީއެސްއެމް ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރުގެ ނާއިބު ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ. އަދި، ދިވެހި އުފެއްދުންތައް ތައްޔާރުކުރާ ހުރިހާ ފަރާތްތަކުން، މި ލޯގޯ ބޭނުންކުރުން ލާޒިމް ނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"'މޭޑް އިން މޯލްޑިވްސް' ލޯގޯ ތަކެތި އުފައްދާ ފަރާތްތަކަށް ދޫކުރައްވަން ހަމަޖެހިފައިވަނީ ވަރަށް ކުޑަ އަގެއްގައި ކަމަށާއި، ލޯގޯ ސްޓިކާގެ އަގު އުޅޭނީ ދެ ލާރިއާއި ދިހަ ލާރިއާއި ދެމެދުގެ އަގުތަކެއްގައި ކަމަށް ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.
މޭޑްއިން މޯލްޑިވްސް ލޯގޯއަކީ، މުދާ ގަންނަ ފަރާތްތަކަށް އެ މުދަލަކީ ރާއްޖޭގެ އުފެއްދުމެއްކަން ފާހަގަވާނެގޮތް ހެދުމަށާއި، ރާއްޖޭގެ އުފެއްދުންތަކަށް އެކަށީގެންވާ އަގު ހޯދައިދިނުމަށާއި ރާއްޖޭގެ އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމުގެ މަޤްސަދުގައި ތަޢާރަފްކުރާ ލޯގޯއެކެވެ.