ޚަބަރު

ވެލެންސިއާ ބަލިކޮށް މާޒިޔާއަށް ފަސް ޕޮއިންޓުގެ ލީޑެއް


  • ވެލެންސިއާ އަތުން މާޒިޔާ މޮޅުވީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން

  • މާޒިޔާއިން ވަނީ މިހާތަނަށް ކުޅުނު ހަ މެޗުވެސް ކާމިޔާބުކޮށް 18 ޕޮއިންޓް ހަމަކޮށްފައި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފަސޭހަކަމާއެކު ކުލަބު ވެލެންސިއާ ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ ވެލެންސިއާ އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި މާޒިޔާއަށް ފަސް ޕޮއިންޓުގެ ލީޑެއް ލިބުނުއިރު، އެ ޓީމުން ވަނީ މިހާތަނަށް ކުޅުނު ހަ މެޗުވެސް ކާމިޔާބުކޮށް 18 ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ތިންވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފައެވެ.

މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާއިން ވަނީ ރަނގަޅަށް ޑިފެންސްކޮށް، މާޒިޔާ ހުއްޓުވާފައެވެ. އެއާއެކު ފުރަތަމަ ހާފުގައި މާޒިޔާއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ. މެޗުގެ 17 ވަނަ މިނެޓުގައި ވެލެންސިއާގެ ޑިފެންޑަރު ހަސަން ހައިޝަމް ހާމިދުގެ އަތުގައި އޮތް ބޯޅައެއް ހޯދާ، މި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިލާން އިމްރާނެވެ.

މި މެޗުގެ ދެވަނަ ހާފަށް މާޒިޔާއިން ދެ ބަލަކާއެކު ނުކުތްއިރު، މި ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އިލާންއެވެ. އަދި މެޗުގެ 55 ވަނަ މިނެޓުގައި ވެލެންސިއާގެ ފުލްބެކް ޑަވްރަންބެކް ސާފުކޮށްލަން އުޅުނު ބޯޅައެއް ހޯދައި، ބަދަލަކަށް ކުޅެން އެރި ސާޖިއޯ ވަނީ މާޒިޔާގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

އަދި އޭގެ ތިން މިނެޓު ފަހުން އިލާން ދިން ބޯޅައަކުން މާޒިޔާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު އައިހަމެވެ. މި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ފަސްވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އައިހަމް ނަގައިދިން ކޯނަރަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ފޯވާޑް ސާޖިއޯއެވެ.

މި މެޗުން ވެލެންސިއާ ބަލިވިއިރު، ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން އެ ޓީމަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.