ޚަބަރު

މިދިޔަ މަހު ރާއްޖޭގެ ބާޒާރުގައި މުދަލާއި ޚިދުމަތުގެ އަގުތައް ދަށަށް


  • މިދިޔަ މަހު މުދަލާއި ޚިދުމަތުގެ އަގުތައް %0.09 ދަށްވެފައިވޭ

  • އަގު އެންމެ ބޮޑަށް ދަށްވެފައިވަނީ، ތަރުކާރީގެ ބާވަތްތަކުން

މިދިޔަ މަހު ރާއްޖޭގެ ބާޒާރުގައި މުދަލާއި ޚިދުމަތުގެ އަގުތައް ދަށަށް ގޮސްފިއެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްއިން އާންމުކޮށްފައިވާ ކޮންސިއުމަރ ޕްރައިޒް އިންޑެކްސްގައިވާ ގޮތުން މި އަހަރުގެ އޮގަސްޓް މަހަށްވުރެ ސެޕްޓެމްބަރު މަހު މުދަލުގެ އަގުތައް ވަނީ ދަށްވެފައެވެ.

ސްޓެޓިސްޓިކް ބިއުރޯއިން އާންމުކޮށްފައިވާ މުދަލާއި ޚިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓުން ދައްކާގޮތުން އޮގަސްޓް މަހާއި އަޅާބަލާއިރު، ސެޕްޓެމްބަރ މަހު މުދަލާއި ޚިދުމަތުގެ އަގުތައް ވަނީ %0.09 ދަށްވެފައެވެ.

އަގު އެންމެ ބޮޑަށް ދަށްވެފައިވަނީ، ތަރުކާރީގެ ބާވަތްތަކުންނެވެ. އެއީ %6.20 އެވެ. މަހުގެ ބާވަތްތަކުގެ އަގުތައްވެސް ވަނީ، %2.51 އަށް ދަށްވެފައެވެ. މޮޓޯ ސައިކަލުގެ އަގުތައް %1.23 ދަށްވެފައިވާއިރު، ކިރާ ކިރުގެ އެހެން ބާވަތްތަކާއި، ކުކުޅު ބިހުގެ އަގުތައް ވަނީ %0.49 އަށް ދަށްވެފައެވެ.

އަގު އެންމެ ބޮޑަށް އުފުލިފައިވަނީ، ކަރަންޓުން ކަމަށް މި ރިޕޯޓުން ދައްކައެވެ. އެގޮތުން ކަރަންޓުގެ އަގުތައް ވަނީ، %3.42 އިތުރުވެފައެވެ. މޭވާގެ ބާވަތްތަކުގެ އަގުތައް %1.69 އިތުރުވެފައިވާކަމަށް ކޮންސިއުމާ ޕްރައިސް އިންޑެކްސް ރިޕޯޓުން ދައްކައެވެ.

މި އަހަރުގެ އޮގަސްޓް މަހަށްވުރެ ސެޕްޓެމްބަރު މަހު މުދަލުގެ އަގުތައް ދަށަށް ގޮސްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރައްވައި، އެތަކެތި ބާޒާރުގައި ލިބޭނެ އިންތިޒާމް އެސްޓީއޯއާއި ހަވާލުކުރައްވާފައެވެ. މި ބާވަތްތައް މިހާރު އެސްޓީއޯއިން ވިއްކަން ފަށާފައިވާއިރު، މިއާއިއެކު ބާޒާރުގައި މިތަކެތީގެ އަގުތައް އުފުލުނަ ނުދީ އެއްވަރެއްގައި ހިފެހެއްޓޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.