ޚަބަރު

ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ރައީސް އެޅުއްވި މުހިންމު ފިޔަވަޅަށް އާންމުންގެ ޝުކުރު


  • ރާއްޖޭގެ އާބާދީގެ 23 އިންސައްތަވަނީ ދުންފަތުގެ ވަބާގައި ޖެހިފައި

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ސިއްޙަތަށް ގެއްލުން ހުރިކަމެއްކަން އެންމެންވެސް ޤަބޫލުކުރެއެވެ. އެއީ ފައިދާއެއް ނެތް، ގެއްލުންހުރި ކަމެއްކަން، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންވެސް ޤަބޫލުކުރެއެވެ. ސިއްޙަތަށް ގެއްލުން ހުރި މިކަމުން ރައްޔިތުން ދުރުހެލިކުރުމަށް ސަރުކާރުން ގެންނަވާ މިބަދަލަށް އާންމުންގެ ގިނަބައެއްގެ ތާޢީދާއި އެއްބާރުލުންދަނީ ލިބެމުންނެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަކީ އޭގެ ސިއްޙީ އެތައް ގެއްލުމަކާއި، ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކުރިމަތިލާންޖެހޭ ކަމެކެވެ. ރާއްޖޭގައި އިތުރުވަމުންދާ ގައިންގަޔަށް ނާރާ ގިނަ ބަލިތައް ފެތުރުމުގެ ސަބަބުތަކުގެ ތެރޭގައި އެއް ސަބަބަކީވެސް ދުންފަތުގެ އިސްތިއުމާލުކުރުންކަމަށް ސިއްޙީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވައެވެ. އާބާދީގެ 23 އިންސައްތަ މިވަބާގައި ޖެހިފައިވާއިރު ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގައި ނިޔާވާ މީހުންގެ ޢަދަދު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ތިމާ ދުންފަތުގެ އިސްތިއުމާލުކުރިނަމަވެސް، ތިމާގެ ދަރިންނާއި ހެޔޮ އެދޭ މީހުން އެވަބާއިން ދުރުހެލިވުމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެކެވެ.

ދިވެހި މުޖުތަމަޢު ދުންފަތުން ރައްކާތެރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އެޅުއްވި ވަރުގަދަ ފިޔަވަޅަށް ގިނަބަޔަކު އަންނަނީ މަރުހަބާއާއި ޝުކުރު ދަންނަވަމުންނެވެ.

"ތިއީ ވަރަށް ވެސް މުހިންމު ފިޔަވަޅެއް. އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ތާޢީދުކުރާކަމެއް ތިއީ. ރައީސަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." މީހަކު ބުންޏެވެ.

"އަޅުގަނޑުމެންގެ ލޯކުރިމަތިން ކުޑަކުދިން މިވަބާގައި ޖެހެމުންދަނީ. މިއީ ވަރަށް ކުރިންވެސް ކުރަންޖެހޭ ކަމެއް. އަދިކިރިޔާ މިކަން ކުރެވޭ ވަރުގެ ވެރިއެއް މިއައީ. ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ރައީސްއަށް." އެހެން މީހަކު ބުންޏެވެ.

ރާއްޖެ އާއި ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ދުންފަތާއި ދެކޮޅަށް މިހާ ވަރުގަދަ ފިޔަވަޅެއް އެޅުމަށް މީގެ ކުރިން މަސައްކަތް ކުރިނަމަވެސް ރާއްޖޭއިން މިފަދަ ނިންމުން ނިންމައި ޢަމަލީ ސިފަ މިގެނެވުނީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި ސިއްޙީ ދާއިރާގެ ބޭފުޅުންގެ މަސައްކަތުންނެވެ. މިކަން ކާމިޔާބުކުރުމަށް އާންމުންގެ އެއްބާރުލުން މުހިންމެވެ. އަދި މިވަބާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް، މިކަމުން އަރައިގަތުމަށް މިއީ ލިބޭ ރަނުގެ ފުރުސަތެއްކަން ވިސްނައިދީ، މިފުރުސަތުގެ ބޭނުންކުރުމަށް ބާރުއަޅަންޖެހެއެވެ. ތިމާމެންގެ ދަރިން އަދި އަންނަ އޮތް ޖީލު ދުންފަތުން ސަލާމަތްވެފައިވާ ޖީލަކަށް ހެދުމަށް ސަރުކާރުގެ މިނިންމެވުމަށް ކޮންމެ މީހަކުވެސް އެއްބާރުލުން ދޭން އެބަޖެހެއެވެ. އެހެން ހުރިހާކަމެއްގައި ފިކުރު ތަފާތުވީނަމަވެސް، މިއީ މުޅި ޤައުމު އެކަތިގަނޑަކަށް ވާންޖެހޭ ކަމެކެވެ. މިއީ މުޅި ޤައުމުގެ މުސްތަޤުބަލާއި ގުޅިފައިވާ ކަމެކެވެ.