ޚަބަރު

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.8 މިލިޔަނަށް


  • މިއީ %9.9 އިތުރުވުމެއް

  • އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %.9.9 އިތުރު އަދަދެކެވެ.

ހުސްވި 2024ވަނަ އަހަރަކީ ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ.

މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،804،515 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1،641،937 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %9.9 އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 5 ގައުމު:

* ޗައިނާ: 291،573 ފަތުރުވެރިން
* ރަޝިއާ: 223،857 ފަތުރުވެރިން
* އިނގިރޭސިވިލާތް: 159،615 ފަތުރުވެރިން
* ޖަރުމަނުވިލާތް: 132،394 ފަތުރުވެރިން
* އިޓަލީވިލާތް: 119،261 ފަތުރުވެރިން

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 1،332،533 ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ގެސްޓްހައުސްތަކަށެވެ. އެއީ 386،692 ފަތުރުވެރިންނެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1286 ތަނެއް ވަނީ ހުޅުވާފައެވެ. މި ހުރިހައި ތަނެއްގެ ބެޑް ކެޕޭސިޓީ 64،994 އަށް އަރައެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މި އަމާޒު ހާސިލްކުރަން ދެން އިތުރަށް ބޭނުންވަނީ 5 ލައްކަ ފަތުރުވެރިންނެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6200 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.