ޚަބަރު

ޖޭއެސްސީގެ ރައީސްގެ މަޤާމަށް ހުސްނީ މުބާރިކް


  • ހުސްނީ މުބާރިކްއަކީ ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ މެންބަރު

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް، އެކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ މެންބަރު، އަލްއުސްތާޛު ޙުސްނީ މުބާރިކް ޢައްޔަންކުރުމަށް އެކޮމިޝަނުން ނިންމަވައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ އެކޮމިޝަނުގެ ރައީސްގެ މަޤާމަށް ހުސްނީ މުބާރިކް އައްޔަންކޮށްފައިވަނީ އެ ކޮމިޝަނުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތީން ކޮމިޝަނުގެ ރައީސަކު ހޮވުމަށްޓަކައި މިއަދު ބޭއްވި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ މެދުގައި ނެގުނު ވޯޓުންކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ޙުސްނީ މުބާރިކް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވަނީ މިއަދުއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޙުސްނީ މުބާރިކް ޢައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގައި 10 މެންބަރުން ތިއްބަވާއިރު، މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި މާފުށީ ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޖޭއެސްސީގެ ރައީސްއަކަށް ހުންނެވީވެސް ރިޟާއެވެ. ރިޟާގެ ބަދަލުގައި ޖޭއެސްސީއަށް ޙުސްނީ މުބާރިކް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރެއްވީ މިމަހުގެ 27 ވަނަ ދުވަހުއެވެ.