ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ކަނޑައަޅައިފިއެވެ.
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ. މި ވަޢުދުގެ ދަށުން މާލީ އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އޯގަސްޓްމަހުގެ ތެެރޭގައެވެ. އަދި އެ މުއްދަތު ހަމަވެފައިވަނީ މިމަހުގެ 7 ވަނަ ދުވަހުގައެވެ.
މީޑިއާތަކަށް ދޫކުރާ އެހީއަށް އެދެން ޔޫތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީޑިއާތަކުގެ ތެރެއިން ޝަރުތު ހަމަވާ މީޑިއާތަކާއި އެ މީޑިއާތަކަށް ފައިސާ ދޫކުރާނެ އަދަދުތައް ވަކިން އެނގޭ ގޮތަށް ވަނީ އާންމުކޮށްފައެވެ. އާންމުކުރި ލިސްޓުގައިވާ ގޮތުން މި އަހަރު އެންމެ ގިނަ ރުފިޔާ ލިބެނީ ސަންގު ޓީވީއަށެވެ. ސަންގު ޓީވީއަށް 3.8 މިލިއަން ރުފިޔާ ލިބޭއިރު ދެވަނައަށް އެންމެ ގިނަ އިން ރުފިޔާ ލިބެނީ ވީޓީވީއަށެވެ. އެ ޓީވީއަށް 3 މިލިއަން ރުފިޔާ ލިބެއެވެ. ތިން ވަނައަށް އެންމެ ގިނަ ރުފިޔާ ލިބެނީ އެސްއެސްޓީވީއަށެވެ. އެޓީވީއަށް 2.9 މިލިއަން ރުފިޔާ ލިބެއެވެ.
- ސަންގު ޓީވީ: 3.8 މިލިއަން ރުފިޔާ
- ވީޓީވީ: 3 މިލިއަން ރުފިޔާ
- އެސްއެސްޓީވީ: 2.9 މިލިއަން ރުފިޔާ
- ވީނިއުސް އެމްވީ: 1.1 މިލިއަން ރުފިޔާ
- ވަން އޮންލައިން: 1.37 މިލިއަން ރުފިޔާ
- ސަން އޮންލައިން: 1.33 މިލިއަން ރުފިޔާ
- ސަންގު އޮންލައިން: 1.3 މިލިއަން ރުފިޔާ
- ވޮއިސް އެމްވީ: 1.36 މިލިއަން ރުފިޔާ
- ދަ ޕްރެސް: 1.34 މިލިއަން ރުފިޔާ
- ދައުރު ނޫސް: 1.3 މިލިއަން ރުފިޔާ
- މިހާރު ނޫސް: 1.29 މިލިއަން ރުފިޔާ
- މިހާރުގެ އިނގިރޭސި އެޑިޝަން: 1.17 މިލިއަން ރުފިޔާ
- ތިލަދުން: 1.2 މިލިއަން ރުފިޔާ
- އަދަދު ނޫސް: 1.17 މިލިއަން ރުފިޔާ
- ތީރު މީޑިއާ: 1.14 މިލިއަން ރުފިޔާ
- ދިޔަރެސް: 1.1 މިލިއަން ރުފިޔާ
- ގާފު އޮންލައިން: 1 މިލިއަން ރުފިޔާ
- މާލްދީފް އޮންލައިން: 899,197.77 ރުފިޔާ
މީޑިއާތަކަށް ބަޖެޓުން ދޫކުރަނީ ބަޖެޓުގެ 0.1 އިންސައްތައެވެ. އަމިއްލަ ކޮންމެ މީޑިއާއަކަށްވެސް ކުރިމަތި ލެވޭނެ މިންގަނޑުތައް ބަޔާން ކުރާ "މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު"ގެ ދަށުން ފައިސާ ދޫކުރާނީ 3 ޕޭމަންޓަކަށް ބަހާލައިގެންނެވެ.
މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށް ފުރިހަމަ ވާންޖެހޭ އެންމެ މުހިންމު އެއް އަސާސަކީ، އެ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމަށް ވުމާއި، އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވުމެވެ.
މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ އަހަރަށް ވާއިރު ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކޮންމެ އަހަރަކު މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ.
މިފަދަ އެހީއެއް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ. އަދި އުފެއްދުންތެރި ކޮންޓެންޓް ނުވަތަ ރިޕޯޓާއި ޚަބަރު ފަތުރައި، ނޫސްވެރިކަމުގެ ދާއިރާއަކީ ޒިންމާދާރު ކަމާއި އިތުބާރާއެކު ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެ ދާއިރާއަކަށް ނުވަތަ އިންޑަސްޓްރީއަކަށް ހެދުމަކީ ވެސް މިފަދަ އެހީއެއް ފޯރުކޮށްދިނުމުގެ މަޤުސަދެކެވެ.