ކުޅިވަރު

ޕީއެސްޖީ އަށް ހުސްވި ސީޒަނުން ރެކޯޑް އާމްދަނީ އެއް


ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއެކު ހުސްވި ސީޒަނުން ފްރާންސްގެ ޕީއެސްޖީ އަށް އެ ކުލަބަށް މީގެ ކުރިން ދުވަހަކު ވެސް ލިބިފައިނުވާ ވަރުގެ އާމްދަނީ އެއް ލިބިއްޖެ އެވެ.

ފޯބްސްހެ ހިސާބުތައް ދައްކާ ގޮތުން ޕީއެސްޖީ އަށް ހުސްވި ސީޒަނުގައި ލިބިފައިވަނީ 837 މިލިއަން ޔޫރޯ އެވެ. މިއީ އެ ކުލަބުގެ އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމާއި ޖޫޑޯ ޓީމަށް ލިބުނު ފައިސާ އެވެ. މީގެ ކުރީ ސީޒަނުގައި އެ ކުލަބަށް ލިބިފައިވަނީ 806 މިލިއަން ޔޫރޯ އެވެ. އިއްޔެ އެ ކުލަބުން އާއްމުކުރި ހިސާބުތައް ބުނާ ގޮތުން މީގެ ތެރެއިން 175 މިލިއަން ޔޫރޯ އަކީ މެޗު ކުޅޭ ދުވަހުގެ ވިޔަފާރިން ލިބުނު އާމްދަނީ އެވެ. 367 މިލިއަން ޔޫރޯ އަކީ ވިޔަފާރިކޮށްގެން ލިބުނު ފައިސާ އެވެ. މި ގޮތުން ހުސްވި ސީޒަނުގައި އެ ކުލަބަށް ވަނީ އަލަށް ހަ ޕާޓްނަރުން ލިބިފަ އެވެ.

ހުސްވި މޭ މަހު ފޯބްސް އިން ބުނެފައިވާ ގޮތުގައި ޕީއެސްޖީ އަކީ އާމްދަނީ ދުނިޔޭގެ ހަ ވަނަ އަށް އެންމެ މުއްސަނދި ކުލަބެވެ. އެއީ 4.6 ބިލިއަން ޑޮލަރުންނެވެ. އެއްވަނަ ކުލަބަކީ ސްޕޭނުގެ ރެއާލް މެޑްރިޑެވެ. އެއީ 6.75 ބިލިއަން ޑޮލަރާއެކުގަ އެވެ. ފާއިތުވެދިޔަ 10 އަހަރު މާބޮޑު ކާމިޔާބީއެއް ނުލިބުނަސް އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް ވަނީ ދެ ވަނާގަ އެވެ. އެއީ 6.6 ބިލިއަން ޔޫރޯއާއެކުގަ އެވެ.