ޚަބަރު

އޭޝިއަން ޔޫތު ގޭމްސް 2025: ޓީޓީ ޓީމުން ފެނިގެން ދިޔައީ ކުރިމަގަށް އޮތް އުންމީދު


ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރި ދިވެހި ޓޭބަލް ޓެނިސް ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ކުރިއަރަމުން އަންނަ ތަން ކަމަށާއި، ޓީމާމެދު އުންމީދު ބޮޑު ކަމަށް ކުރީގެ ކުޅުންތެރިޔާ އަދި ޓީޓީ ޓީމުގެ މެނޭޖަރު ފާތިމަތު ޖުމާނާ ނިމާލް ބުނެފިއެވެ.

މިފަހަރު ގޭމްސްގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރާ ޓޭބަލް ޓެނިސް އިވެންޓްތައް މިއަދު ނިމިގެން ގޮސްފައިވާ އިރު، މިއަދުވެސް ކުޅުންތެރިންގެ ފަރާތުން ތަފާތު ރޫހެއް ފެނިގެން ގޮސްފައިވެއެވެ.

ރާއްޖޭގެ އައިޝާތު އަލްސާ ނާފިޒާއި މުހައްމަދު ހަލަފް ރާފިއުގެ މިކްސް ޑަބަލްސް ޕެއާއިން އިންޑިއާޣެ ވަރުގަދަ ޕެއާއެއް ކަމަށްވާ ދާސް ސިންދްރެލާއާއި އަރްޔާ ސާތަކް ވާދަކޮށް، ވަރުގަދަ ކުޅުމެއްވެސް ދެއްކިއެވެ. އެހެން ނަމަވެސް، ތިން ސެޓުން އިންޑިއާ ޕެއާއިން މެޗު ގެންދިޔައެވެ. އައިމިނާ އާޔާތު އާދަމްއާއި މުހައްމަދު އާލް އިމްރާންވެސް ވާދަކުރަން ޖެހުނީވެސް އިންޑިއާގެ ޕެއާއެއް ކަމަށްވާ ދިވްޔަންޝީ ބޮމިކާއި ރިތުވިކް ގުޕްތާގެ ޕެއާ ދެކޮޅަށެވެ. އެ މެޗުގައިވެސް ރާއްޖޭގެ ޕެއާއިން ރަނގަޅު ހިތްވަރެއް ކުރި ނަމަވެސް، އިންޑިއާއިން ތިން ސެޓުން ކުރި ހޯދިއެވެ.

ސިންގްލްސް ގްރޫޕް ދެވަނަ މެޗުގައި ހަލަފް، ލާއޯސްގެ ސެންގްމަނީ ފޮންގަވަންއާ ދެކޮޅަށް ރަނގަޅު ޕޮއިންޓްތަކެއް ނެގި ނަމަވެސް، އެ މެޗުވެސް ތިން ސެޓުން ގެންދިޔައީ ލާއޯސްގެ ކުޅުންތެރިޔާއެވެ. ދެން ކުޅުނު މެޗުގައި އަލްޔާން އަލީ ނިޝާމް ގަތަރުގެ އަބްދުﷲ އަބްދުލްއަޒީޒާ ދެކޮޅަށް ނުކުތް އިރު، އޭނާވެސް ރަނގަޅު ހިތްވަރެއް ކުރިއެވެ. އެ މެޗު ކާމިޔާބުކުރީ ގަތަރު ކުޅުންތެރިޔާއެވެ.

މިއަދު އެންމެ ވަރުގަދަ މެޗެއްގެ ގޮތުގައި ފެނުނީ އަލްސާ، މޮންގޯލިއާގެ ބަޓްމުންކް ބޯލޯއާ ދެކޮޅަށް ކުޅުނު މެޗެވެ. އެމެޗުގެ ފުރަތަމަ ސެޓު އަލްސާ ގެންދިޔައީ 11-5 އިންނެވެ. ދެން ކުޅުނު ސެޓު 12-10 ގެ ވާދަވެރި ސްކޯއަކުން މޮންގޯލިއާ ކުޅުންތެރިޔާ ގެންދިޔަ އިރު، އަނެއް ދެ ސެޓުވެސް މޮންގޯލިއާ ކުޅުންތެރިޔާއަށް ގެންދެވުނީ ކިރިޔާއެވެ. އެއީ 11-9 އަދި 10-12 އިންނެވެ. މެޗުގައި އަލްސާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ.

މިޝްކާ ބިންތު މުއިއްޒު، ފިލިޕީންސްގެ އެސްގުއޭރާ ޖޮއާނާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ވާދަވެރި ކުޅުމެއް ފެނުނު އިރު، އެ މެޗު ގެއްލުނީ ތިން ސެޓުންނެވެ.

މެޗުތަކަށްފަހު ޖުމާނާ ބުނީ ކުޅުންތެރިންނަށް އޭޝިއާގެ އެންމެ ބޮޑު ޔޫތު އިވެންޓް ކަމަށްވާ އޭޝިއަން ޔޫތު ގޭމްސްއިން ލިބުނު ފުރުސަތަކީ ކުރިއަށް ދާން ލިބުނު ބޮޑު ތަޖުރިބާއެއް ކަމަށެވެ. އަދި މިފަހަރު މުބާރާތުން ރަނގަޅު ކުރަން ޖެހޭ ކަންކަން ފެނުނު އިރު، ޓީޓީގެ ޒުވާން ކުޅުންތެރިންގެ ކުރިމަގާމެދު އުންމީދު ލިބުނު ކަމަށްވެސް އޭނާ ބުންޏެވެ.