ސެޓާން ސްޓޫޑިއޯއާއި ޝައި ޕްރޮޑަކްޝަނުން އުފައްދާފައިވާ ކޮމެޑީ ފިލްމް "ކޮސް ގިނަ މިސްޓޭކް" ކޭޖީއެމް ވެގެންދާނީ ޒަމާންތަކަަކަށްފަހު މަޝްހޫރު އެކްޓަރ ޔޫސުފް ޝަފީޢުއާއި، ޢަލީ ސީޒަން އެއް ފިލްމަކުން ފެނިގެންދާނެ ފިލްމަަކަށްވާއިރު، މި ފިލްމު އަންނަ މަހުގެ 5ގައި އޮލިމްޕަސް ސްކްރީނުގައި އެޅުވުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ތައްޔާރުވެއްޖެއެވެ.
ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންއެވެ.
ކޭޖީއެމްއަކީ 2019 ވަނަ އަހަރު ވީ މީޑިޔާއިން އުފައްދަންފެށި ފިލްމެކެވެ. ނަމަވެސް ފިލްމުގެ މަސައްކަތް ހުއްޓިފައިވަނިކޮށް، ތަފާތު ބަދަލުތަކާއެކު އަލުން ފިލްމުގެ މަސައްކަތް ފަށައި، ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިއަހަރުތެރޭގައެވެ.
ބޮޑު ކާސްޓަކާއެކު އުފައްދާ މި ފިލްމުން ރާއްޖޭގެ ފިލްމީ ދާއިރާގައި ފާގަކޮށްލެވޭ ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ. އޭގެތެރޭގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، މަރިޔަމް އައްޒަ، ޢަލީ ސީޒަން، އައިމިނަތު ރިޝްފާ، އަހުމަދު ނިމާލް، ޢަލީ އާޒިމް (ދޮން އައްޔަ) ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަން ގެ އިތުރުން ޝާއްކޮ އަންމަޑޭއާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ.
މި ފިލްމުގެ މަންޒަރުތައް މ. މުލަކުގައި ނަގާފައިވާއިރު، ފިލްމުގެ ކެމެރާމަނަކީ ތަޖުރިބާކާރު ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި)އެވެ.
މި ފިލްމާއި ގުޅޭގޮތުން ޕީއެސްއެމްއާ ވާހަކަދައްކަވަމުން ފިލްމުގެ ޕްރޮޑަކްޝަން ހެޑް ހުސައިން ސިނާން ބުނީ، މިއީ މިއަހަރު އޮލިމްޕަސް ސްކްރީނުން ފެނިގެންދާނެ އެންމެ ތަފާތު ފިލްމުކަމަށެވެ.
"އަޅުގަނޑު ބުނެލަން ބޭނުންވަނީ، ކޭޖީއެމް މި ފިލްމު ވެގެންދާނެއޭ މިއަހަރު އޮލިމްޕަސް ސްކްރީނުން ފެންނާނެ އެންމެ ތަފާތު ފިލްމަށް، މިހާ ގިނަ ކާސްޓުންތަކާއެކު ފުރިހަމައަށް ނިންމާލެވުނު މިފިލްމްވެގެން މިދަނީ، ނޯޓީ ފޯޓިއާއި، ފޯޓީ ޕްލަސް ގެ ސީރީޒް އަށް އިތުރު ކުރެވޭ ފިލްމަކަށް އަދި މިއީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ކާސްޓުން އުޅޭ ފިލްމަށްވާއިރު މިއީ އެތައް ޒަމާނަކަށްފަހު ޔޫއްޕެ އާއި ސީޒަން އެއް ފިލްމަކުން ފެނިގެންދާނެ ފިލްމޭ". ސިނާނު ބުންޏެވެ.
ދިވެހި ފިލްމީ ދުނިޔޭގައި ކޮމެޑީ ޖޯންރާގެ ފިލްމުތައް އުފެއްދުމުގެ އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝައި ޕްރޮޑަކްޝަންގެ ފިލްމުތަކުގެތެރޭގައި ހިމެނޭ ނޯޓިފޯޓީ އާއި ފޯޓީ ޕްލަސް ފަދަ ފިލްމުތަކަށްފަހު ކޭޖީއެމްވެސް ވެގެންދާނީ ބެލުންތެރިން ހެއްވާލާނެ ވަރުގެ ފިލްމަކަށް ކަމަށް ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި ކޭޖީއެމްގެ ޕްރޮޑިއުސަރ އިސްމާޢީލު ޝަފީޤުވަނީ ބުނެފައެވެ.
ހަމައެއާއެކު، މި ފިލްމު އުފައްދާ ސެޓާން ސްޓޫޑިއޯއަކީ މިހާރު ރާއްޖޭގެ އެންމެ މަޤުބޫލު ޕްރޮޑަކްޝަން ހައުސްގެ އިތުރުން، މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު "ކަމަނާ" އާއި، މިއަހަރުގެ މިހާތަނަށް އެޅުވުނު އެންމެ ކާމިޔާބު ފިލްމު "ކަނބުލޮ" ފަދަ ފިލްމު އުފައްދާ ބެލުންތެރިންގެ އިތުބާރު ހޯދާފައިވާ ޕްރޮޑަކްޝަން ހައުސްއެކެވެ.
ކޭޖީއެމްގެ ޓްރެއިލަރ ލޯންޗުކޮށްފައިވާއިރު، ޓްރެއިލަރއިންވެސް އެކްޓަރުންގެ މޮޅު އެކްޓިންގައި ކެމެރާ އަދި އެޑިޓިންގެ ފުރިހަމަކަން ވަނީ ދައްކުވައިދީފައެވެ.
މުހައްމަދު އަބްދުލް ޣަނީ (ތޭރަ) ހަދާފައިވާ ޅެންތަކަށް މި ފިލްމުގެ ލަވަތައް ކިޔާފައިވަނީ ތޭރަ، މަރިޔަމް އަޝްފާ، ޖަލާލް އަދި ފުބޫއެވެ. އިސްމާޢީލް ޝަފީގް ޕްރޮޑިއުސްކުރާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ ޢަލީ ޝާނިޒް މުޙައްމަދެވެ.