ބަޙްރެއިންގައި މިހާރު ކުރިއަށްދާ 3ވަނަ އޭޝިއަން ޔޫތު ގޭމްސްގެ 3×3 ބާސްކެޓްބޯޅަ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން މުބާރާތް ނިންމާލީ 11 ވަނާގައެވެ.
ޖުމްލަ 14 ޓީމު ވާދަކުރި މިމުބާރާތުގައި ދިވެހި ޓީމުން މިއަދު ކުޅުނު މެޗުތަކުގެ ތެރެއިން ފަލިސްތީން އާއި ބައްދަލުކުރި މެޗު ވަނީ ކާމިޔާބުކޮށްފައެވެ. މިމެޗު ރާއްޖެއިން ކާމިޔާބުކުރީ 16 - 8 ނެވެ.
މެޗުގައި ރާއްޖެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ކެޕްޓަން ކައިލީން ޝިރުހާންއެވެ. ކައިލީން ވަނީ މިމެޗުގައި 10 ޕޮއިންޓް ހޯދައިދީފައެވެ. މީގެއިތުރުން ލައިރާ ފިރާޝް ވަނީ 4 ޕޮއިންޓް އަދި ޒާޝާ ވަނީ 2 ޕޮއިންޓް ހޯދައިދީފައެވެ.
މިއަދުގެ ދެވަނަ މެޗުގައި ދިވެހި ޓީމް ބައްދަލުކުރީ މޮންގޯލިއާ އާއެވެ. މިމެޗު މޮންގޯލިއާ ކާމިޔާބުކުރީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. އެއީ 11 - 10 ނެވެ.
މިމެޗުގައިވެސް ކައިލީން ވަނީ 7 ޕޮއިންޓް ޓީމަށް ހޯދައިދީފައެވެ. މީގެއިތުރުން މަލަކް 2 ޕޮއިންޓް އަދި ޒާޝާ 1 ޕޮއިންޓް ހޯދައިދިނެވެ.
މުބާރާތުގައި ދިވެހި ޓީމު ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ އިންޑޮނޭޝިއާ އާއެވެ. މިމެޗު 21 - 6 ކާމިޔާބުކުރީ އިންޑޮނޭޝިއާއެވެ. މިމެޗުގައިވެސް ކައިލީން ވަނީ ރާއްޖެ ޓީމުން ހޯދި 6 ޕޮއިންޓްގެ ތެރެއިން 5 ޕޮއިންޓް ހޯދައިދީފައެވެ.
މުބާރާތުގެ މެޗުތަކަށްފަހު މަލަކް މުހައްމަދު ބުނީ ނަތީޖާތައް އެންމެ ބޭނުންވިގޮތަށް ނުނިކުތްނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭކަމަށެވެ. އަދި ކުޑަހިތްވަރެއްލާ އިތުރަށް މަސައްކަތް ކޮށްލައިގެން ކޮންމެ ޓީމެއްވެސް ބަލިކުރެވިދާނެކަން އިނގިގެންދިޔަ ކަމަށް މަލަކް ފާހަގަކުރިއެވެ.
ދިވެހި 3×3 އަންހެން ޓީމު މެނޭޖަރ ހައުމާ އުބެއިދުﷲ ބުނީ މިއީ ދިވެހި ކުޅުންތެރިންނަށް ލިބުނު ރަނގަޅު ތަޖުރިބާއެއް ކަމަށާއި ބޭނުންވީ އޯގަނައިޒް ބާސްކެޓްބޯޅައެއް ކުޅެން ކަމަށާއި އެކަން މިމުބާރާތުގައި ވަރަށް ރަނގަޅަށް ހާސިލްކުރެވުނު ކަމަށެވެ.