ޚަބަރު

ވޯޓުލުމަށް ޑިޖިޓަލް އައިޑީ ބޭނުން ނުކުރެވޭނެ: އިލެކްޝަންސް


  • މާލެ ފިޔަވައި ހުރިހާ ރަށެއްގައި ގަޑިއަށް ވޯޓުލުން ފެށުނު

  • ވޯޓުލާން ވަޑައިގަންނަވާއިރު އަސްލު ކާޑު ގެނައުމަށް އީސީން އިލްތިމާސްކުރޭ

އައްޑޫގައި މިހާރު ކުރިއަށްދާ ޚިޔާލު ހޯދުމުގެ ވޯޓުގައި، ވޯޓުލުމަށް ޑިޖިޓަލް އެއްވެސް ކާޑެއް ބަލައި ނުގަންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އައްޑޫގެ 3 އަވަށެއްގައި އާންމުގެ ޚިޔާލު ހޯދުމުގެ ވޯޓުލުން މިހާރު ވަނީ ފަށާފައެވެ. އައްޑޫ ސިޓީ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާވޯޓު ހެނދުނު 8:00 ވަނީ ފެށިފައެވެ. މި ވޯޓާއި ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އެލެކްޝަން ކޮމިޝަންގެ ސެކެރެޓަރީ ޖެނެރަލް އަބްދުﷲ އުނައިސް ވިދާޅުވީ މާލެ ފިޔަވާ އައްޑޫގެ ވޯޓުލުން ކުރިއަށްދާ 3 ރަށުގައިވެސް ވޯޓުލުން ލަސްތަކެއް ނުވެ ފެށުނު ކަމަށެވެ. ނަމަވެސް މާލޭގައި ވޯޓުލުން ފެށުނީ 20 ވަރަކަށް މިނެޓް ފަހުންކަމަށް އޭނާ ވިދާޅުވިއެވެ.

އުނައިސް ވިދާޅުވީ ގޮތުގައި ވޯޓުލުން ފެށިގެން ގަޑިއެއް ހާއިރު ތެރޭ ހުރިހާ ފޮށްޓަކަށް އެވަރޭޖްކޮށް 20 އާއި 30 ދެމެދު އަދަދަކަށް މީހުން ވޯޓުލާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓުލުމަށް އަންނަ ބައެއް ފަރާތްތަކުން ގެންނަ ޑޮކިއުމެންޓުގައި ކޮންމެވެސް ވަރަކަށް މައްސަލަތައް ދިމާވަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ފާހަގަވޭ، ވޯޓުލާން ގެންނަ ޑޮކިއުމެންޓް މައްސަލަ އުޅޭކަމަށް. އަޅުގަނޑުމެން ހުއްދަ ދީފައިވަނީ އައިޑީ ކާޑު، ޕާސްޕޯޓު، ލައިސަންސް އަދި ޕާސްޕޯޓު ކާޑު. މިއިން އެއްވެސް އެއްޗެއްގެ ޑިޖިޓަލް ފޯމެޓެއް ނޫން އަޅުގަނޑުމެން މި ބަލައިގަންނަނީ. ބައެއް ބޭފުޅުން ވަޑައިގަންނަވާއިރު ފޯނުން ދައްކާލުމާއި އީފާސް ޑިޖިޓަލް ކާޑު އެބަ ދައްކާ. އެއަށް ސަމާލުވެ ވޯޓުލާން ވަޑައިގަތުމަށް އިލްތިމާސްކުރަން. " އުނައިސް ވިދާޅުވިއެވެ.

އައްޑޫގެ 3 އަވަށުގައި ކުރިއަށްދާ ވޯޓަކީ އައްޑޫގެ ފޭދޫ، މީދޫ އަދި ހުޅުދޫ އަވަށް ވަކި އިދާރީ ދާއިރާއެއް ނުވަތަ ރަށު ކައުންސިލެއްގެ ގޮތުގައި ހިންގުމަށް، ފެނޭތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ނަގާ ޚިޔާލު ހޯދުމުގެ ވޯޓެކެވެ. މިވޯޓުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 9576 ފަރާތަކަށް ލިބޭ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވިއެވެ.

ޚިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލުމަށް އައްޑޫ 3 ރަށުގައި ޖުމްލަ 11 ފޮށްޓެއް ވަނީ ބަހައްޓާފައެވެ. އަދި މާލޭ ސަރަހައްދުގައި ދިރިއުޅޭ މި ރަށްރަށުގެ ރައްޔިތުންނަށް ހާއްސަކޮށް 7 ފޮށި ކާލާފާނު ސްކޫލުގައި ބަހައްޓާފައި ވެއެވެ.