ޚަބަރު

ޑިސެންބަރު ފަހުކޮޅު ޝަންގްރިއްލާ ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި


  • ވަޒީރު ޠާރިޤު ވަނީ ޝަންގްރިއްލާ ގުރޫޕުގެ އިސްވެރިންނާ ބައްދަލުކޮށްފައި

  • ޝަންގްރިއްލާ ރިސޯޓު ނުހުޅުވި ލަސްވެގެން ދިއުމަކީ އައްޑޫ ރައްޔިތުންގެ ކަންބޮޑުވުމެއް

މި އަހަރުގެ ޑިސެންބަރު ފަހުކޮޅު ޝަންގްރިއްލާ ހުޅުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ޝަންގްރިއްލާ ބަންދުކޮށްފައިވަނީ މީގެ 5 އަހަރު ކުރިން 2020 ވަނަ އަހަރުގެ މާރޗް މަހުއެވެ. އޭރު ރިސޯޓު ބަންދުކުރީ ކޯވިޑާ ގުޅިގެންނެވެ. މި ރިސޯޓް ޝަންގްރިއްލާ ނުހުޅުވި އޮތުމަކީ އައްޑޫގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ.

މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ ޝަންގްރިއްލާ ގުރޫޕުގެ އިންވެސްޓްމެންޓް އެންޑް އެސެޓް މެނޭޖްމެންޓްގެ ވެރިޔާ ކްރިސް ފޮންގް އަދި ޝަންގްރިއްލާ ވިލިނގިލީ ރިސޯޓުގެ ޖެނެރަލް މެނޭޖަރާ ހަރުވޭ ޑުބޮކްސްއާ ބައްދަލުކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި ޑިސެންބަރު 25 އަށް ރިސޯޓް ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ.

ޝަންގްރިއްލާ ވިލިނގިލީ ރިސޯޓުގެ އަލުން ހުޅުވައި ރިސޯޓުގެ މަންފާ އައްޑޫގެ ރައްޔިތުންނަށް ހޯދައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. މި ރިސޯޓުގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާ އަދި 2 ޕްރެޒިޑެންޝަން ވިލާ ހިމެނެއެވެ. މިއީ އައްޑޫގައި ހިންގަމުންދިޔަ އެންމެ ބޮޑު ރިސޯޓު ކަމަށްވާއިރު މިތަނަކީ މަތީ ފަންތީގެ ފަތުރުވެރިންނަށް ޚިދުމަތް ދެމުން އައި ރިސޯޓެކެވެ.