ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، އަޙްމަދު ޠާރިޤްގެ ދައުވަތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުކުރުދުވަހު މާލެއަށް ކުރައްވާ ޒިޔާރަތުގައި ކުޅެވޭ ޚާއްސަ ފުޓުބޯޅަ މެޗުގައި ދުނިޔޭ މަޝްރޫ ފުޓްބޯޅަ ލެޖެންޑް އިޓަލީގެ ކުރީގެ ޑިފެންޑަރ މާކޯ މަޓަރާޒީ ބައިވެރިވާ ގޮތައް ހަމަޖެހިއްޖެއެވެ.
މާދަމާ ރަސްމީ ބޯޅަދަނޑުގައި ކުޅޭ މިމެޗުގައި މަޓަރާޒީ ކުޅޭނީ ފީފާއިން އެކުލަވާލާ ޓީމުގައެވެ. މިޓީމުގައި ފީފާގެ ރައީސާއި، އެފްއޭއެމްގެ ރައީސާއި، އަދި ބައެއް ލެޖެންޑުން ހިމެނޭނެއެވެ.
މި މެޗު އޮންނާނީ ހަވީރު 4 ން 6 އަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ހާއްސަ ހަރަކާތްތަކުގެތެރޭގައެވެ. ރާއްޖޭގެ އެކަޑަމީތަކާއި ކުލަބުތަކުގެ ޒުވާން ކުޅުންތެރިންވެސް މި އިވެންޓުގައި ފުޓުބޯޅައިގެ ހުނަރުތައް ދައްކާލަން ހަމަޖެހިފައިވާއިރު މިއީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ. މި ހަރަކާތުގައި ރާއްޖގެ ކުރީގެ ފުޓްބޯޅަ ތަރިންނާއި މިހާރުގެ ކުޅުންތެރިންގެ އިތުރުން އެކެޑަމީތަކުގެ ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އިޓަލީއަށް 2006 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްދިން ޓީމުގައި ހިމެނޭ މަޓަރާޒީ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ވޯލްޑްކަޕް ފައިނަލުގައި ފްރާންސްގެ ކަޕްޓަން، ޒައިނުއްދީން ޒިދާން "ހެޑްބަޓް" ހާދިސާއަށްފަހުގައެވެ. ފައިނަލް މެޗު ނިމެން ކުޑަތަން ވެފައިވަނިކޮށް، ޒިދާންވަނީ މަޓަރާޒީއަށް ބޮލުން ނުރައްތާރި ހަމަލާއެއްދީފައެވެ. މިއާއިއެކު ޒިދާނަށްވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
އިޓަލީން މިމެޗު ކާމިޔާބުކޮށް، މަޓަރާޒީއާއިއެކު ތަށި އުފުލާލީ ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކުރުމަށްފަހުގައެވެ. މަޓަރާޒީ ވަނީ އިޓަލީގެ ޤައުމީ ޓީމަށް 7 އަހަރު ދުވަހު ކުޅެދީފައެވެ.
ފީފާގެ ރައީސްގެ މިދަތުރުފުޅު ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅައަށް އަލުން ދިރުން ގެނެސް ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ހިއްވަރަކަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައަށް އަލުން ރޫހު ގެނެސް އެފްއޭއެމްގެ ހިންގުން ހަރުދަނާވެ ކުލަބުތަކުގެ މާލީ ނިޒާމާއި ކުޅުންތެރިންނަށް ލިބެންޖެހޭ ހައްގުތައް އަލުން ހޯދައިދީ ފުޓުބޯޅައިގެ ތެރޭގައި ހުނަރުވެރިން ކުޅުންތެރިން ހިފެހެއްޓުމަށް ކުރާ މަސައްކަތަށްވެސް އިތުރު ބާރަކަށެވެ.