ޤަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް" އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އިމިގްރޭޝަނުން ވިދާޅުވީ ޓާސްކްފޯސްއިން ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1، ރުއްގަނޑު ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ 05 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިއަދު ހެނދުނު ޓާސްކްފޯސްއިން ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1، ރުއްގަނޑު ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުންދިއަ 05 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި.@PoliceMv @HomeMinistrymv pic.twitter.com/ChQ7mhuABp
— Maldives Immigration (@ImmigrationMV) October 23, 2025
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނާ ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ކުރަމުންނެވެ.
މި މަސައްކަތުގެ ތެރެއިން ހިންގާ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދާކަންކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުން މިކަމުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.