ރާއްޖެއިން އދ.އާ ގުޅުމަށްފަހު މިވީ 60 އަހަރުތެރޭގައި އދއިން ވަނީ ރާއްޖޭގެ ތަރައްޤީގައި މުހިއްމު ދައުރެއް އަދާކޮށްފައިވާކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އދ.ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.
އދ.ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ، ރާއްޖެއިން އދ.ގެ މެންބަރު ގައުމަކަށްވުމަށް ނިންމި ނިންމުމަކީ ރާއްޖެއިން ފަހުރުވެރިވާ ނިންމުމެއްކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ގައުމަކަށްވީނަމަވެސް އދ.ގެ މެންބަރަކަށްވީ އިތުބާރާއި އުންމީދާއިއެކުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއިން އދ.ގައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުން ދައްކުވައިދެނީ ކިތަންމެ ކުޑަ ގައުމަކަށްވީނަމަވެސް އަޑު އުފުލޭނެކަމާއި އަދި އަޑުއުފުލަންޖެހޭކަންކަމަށް ވަޒީރު ވިދާޅުވިއެވެ. ފާއިތުވެދިޔަ 60 އަހަރުގެ ތެރޭގައި އދ އަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަންކަމަށާއި، ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުން ތަރައްޤީވަމުން އަންނަ ގައުމަކަށް ބަދަލުވި 3 ވަނަ ގައުމުގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓް، ސިޑްސްގެ ގައުމަކަށްވުމުން ރާއްޖެއަށް ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް ވަކާލާތުކުރުމުގައި ރާއްޖެއިން ކާމިޔާބު ހާސިލުކޮށްފައިވާކަމަށެވެ. މީގެއިތުރުން ރާއްޖެއިން މިއަދު އދ. ގެ ޖެނެރަލް އެސެމްބްލީއާއި ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްގެ މަގާމުފުރުމަކީ ފަހުރުވެރިކަމެއްގެ ގޮތުގައި ސިފަކުރައްވަމުން ވަޒީރު ވިދާޅުވީ، އަބަދުވެސް ރާއްޖެއިން އދގެ އުސޫލުތައް ހިފަހައްޓައި އދއާއެކު މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމަށެވެ.
"މި ފަހަގަކުރަމުންދާ އދ. ދުވަހު ރާއްޖެއިން އަބަދުވެސް ބައިނަލްއަޤްވާމީ ސުލްހަ މަސަލަސްކަމާއި، ސަލާމަތް ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި، ސޯސަލް ޕްރޮގްރެސްއަށް ވަކާލާތުކުރާ ގައުމެއްގެ ގޮތުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަންދެން." ވަޒީރު ވިދާޅުވިއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން އދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރ ހައޯ ޒަންގް ވިދާޅުވީ، ރާއްޖެއަކީ އދ. ގެ ގައުމުތަކުގެ ތެރޭގައިވެސް ވަރަށް އެކްޓިވްކޮށް މަސައްކަތްކުރާ ގައުމެއްކަމަށެވެ. މިވީ 60 އަހަރުގެ ތެރޭގައި އދ. އިން ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ދީފައިވާކަމަށާއި އަދި ކުރިއަށްއޮތް ތަނުގައިވެސް އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ހަފްލާގައި ވަނީ ރާއްޖެއިން އދ. ގެ މެންބަރު ގައުމަކަށްވީތާ 60 އަހަރު އަދި އދ. އުފެދުނުތާ 80 އަހަރު ފުރުން ފާހަގަކޮށްފައެވެ. ރާއްޖެއިން އދ. ގެ މެންބަރު ގައުމަކަށް ވެފައިވަނީ 1965 ވަނަ އަހަރުއެވެ. މި ހަފްލާގައި ވަނީ ރާއްޖެއިން އދ. ގެ މެންބަރު ގައުމަކަށްވެ މިވީ 60 އަހަރުގެ ތެރޭގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކާއި އެކުގައި ކުރެވުނު މަސައްކަތްތައް ދައްކުވައިދޭ ފޮޓޯ މައުރަޒެއް އިފްތިތާހުކޮށްފައެވެ. މި ހަފްލާގައި ދައުލަތުގެ އެކިއެކި ވުޒާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިސްވެރިންނާއި އެކި ގޮތްގޮތުން އެހީތެރިކަން ދީފައިވާ ފަރާތްތައް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.