ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް މީގެކުރިން ކުރެއްވި އިޢުލާން ބާޠިލުކުރައްވައި، އަލުން މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 5 މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 6 ނޮވެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް މިހާރު އަލުން ހުޅުވާލައްވާފައިވާކަމަށެވެ.
މެންބަރުކަމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމާ ގުޅޭ ފޯމުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އިދާރާއެކެވެ.