ޚަބަރު

މީޑިއާ ކޮމިޝަންގެ ރައީސް އައްޔަން ކުރުމުގެ މައްސަލަ ކޮމިޓީއަށް


  • މީޑިއާ ކޮމިޝަންގައި 8 މެންބަރުން ތިއްބަވާ

  • ކޮމިޝަންގެ ރައީސް އައްޔަން ކުރައްވާނީ މަޖިލީހުން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައީސަކު އައްޔަން ކުރުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައީސަކު އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެ ކޮމިޝަނަށް ރައީސަކު އައްޔަން ކުރައްވާނީ ކޮމިޝަނުގެ ހުރިހާ މެންބަރުންގެ ތެރެއިންނެވެ.

މީޑިއާ ކޮމިޝަންގައި މަޖިލީހުން އާންމުކޮށް ހުޅުވާލައިގެން އައްޔަން ކުރެއްވި 3 މެންބަރުންނާއި ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބު ކުރެއްވި 4 މެންބަރުން ތިއްބަވައެވެ. އެގޮތުން މަޖިލީހުން އެ ކޮމިޝަނަށް އައްޔަން ކުރައްވާފައިވަނީ މުޙައްމަދު ފަރުސަތާއި ޞަފާ ޝަފީގާއި އާމިނަތު ސަރާޙަތު ޢިއްޒަތެވެ.

އެ ކޮމިޝަނަށް ބްރޯޑްކާސްޓަރުން ތަމްސީލްކުރައްވާ ދެ މެންބަރުންގެ ގޮތުގައި އިންތިޚާބުވެފައިވަނީ ޢަބްދުލްޢަޒީޒް އިބްރާހީމާއި ޒަމްޢަތު އަޙްމަދު ވަޙީދެވެ. އަދި އެހެނިހެން މީޑިއާތައް ތަމްސީލްކުރައްވާ މެންބަރުންގެ ގޮތުގައި އިންތިޚާބުވެފައިވަނީ ސިމާޙާ ނަސީމާއި ޙުސައިން ޘަޤީފެވެ.

މީޑިއާ ކޮމިޝަންގެ ރައީސް މަޖިލީހުން އައްޔަން ކުރެއްވި ނަމަވެސް ނައިބު ރައީސް އައްޔަން ކުރައްވާނީ އެ ކޮމިޝަންގެ މެންބަރުންނެވެ.